ރާއްޖޭގެ ކުރީގެ ހަ ރައީސުންގެ ޗީފް ވީއައިޕީ ވެއިޓަރުގެ ގޮތުގައި މަސައްކަތް ކުރި އިބްރާހީމް ހަލީމް މިއަދު ނިޔާވެއްޖެ އެވެ.
ހަލީމް މުލީއާގޭގައި ހިދުމަތް ކުރަން ފެށީ ފެބްރުއަރީ 12، 1977 ގަ އެވެ. އެގޮތުން މުލީއާގޭ ފަރީއްކޮޅު ބަހައްޓާ ކަމާއި، ރިޔާސީ ގަނޑުވަރުގެ ސުޕަވައިޒަރު ކަމާއި، ޖެނެރަލް ސާވިސަސް އޮފިސަރު ކަމާއި، ޖެނެރަލް ސާވިސަސް ސުޕަވައިޒަރު ކަމާއި، ހެޑް ވީއައިޕީ ވެއިޓަރު ކަމާއި، ޗީފް ވީއައިޕީ ވެއިޓަރުކަން ވެސް އޭނާ ކުރި އެވެ.
ހަލީމް މުލީއާގޭގައި ހިދުމަތް ކުރަން ފަހުން ރައީސް ބްރާހީމް ނާސިރުގެ އަރިހުގަ އާއި، އޭގެ ފަހުން ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދާއި، ރައީސް މުހައްމަދު ވަހީދާއި، ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި، ފަރީއްކޮޅު ބެހެއްޓެވުމުގަ އާއި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގެ ފަރާތުން ބާއްވަވާ އެކިއެކި ރަސްމިއްޔާތުތަކުގައި މުހިންމު ދައުރެއް އަދާކޮށްފައި ވެ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ވެސް ހިދުމަތް ކޮށްފަ އެވެ.
ހަލީމް 76، ވަނީ ބައި ގަރުނަށް ވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތް ކޮށްފަ އެވެ. އޭގެ ތެރެއިން ބޮޑުބައެއްގައި މަސައްކަތް ކުރެއްވީ މުލިއާގޭ ގަ އެވެ. ކުރީގެ ހަ ރައީސުންނާއެކު މަސައްކަތް ކުރިއިރު، އޭނާ ވަނީ ކުރީގެ ބައެއް ނައިބު ރައީސުންނާއެކު ވެސް ހިލާލީގޭގައި މަސައްކަތް ކޮށްފަ އެވެ.
ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އޭނާއަށް ވަނީ، ލިބިފަ އެވެ. އަދި މުލީއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، މުލީއާގެއަށް މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަންކޮށް ދިން ހަނދާނީ ފިލާ ލިބުނު ބޭފުޅުންގެ ތެރޭގައި ވެސް ހަލީމް ހިމެނެ އެވެ.
ހަލީމް އަވަހާރަވުމުގެ ހިތާމައިގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ދަންނަވާފަ އެވެ. އަދި މާތްﷲގެ ތަނަވަސް ރަހުމަތުގައި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް ހަލީމްއަށް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ކުރައްވައިފަ އެވެ.
ހަލީމްގެ ޖާނާޒާ އޮންނާނީ މިރޭ 11:00 ގައި އާ ސަހަރާގަ އެވެ.
ދިރާގަށް ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2026ގެ ޓެލްކޯ އޮފް ދަ އިޔާ
ގިނަ ދިވެހިންނަށް ބަރުދަން ލުއި ކުރަން އުނދަގޫވަނީ ކީއްވެ؟
މީކާއިލް ރައީސް ސޯލިހާއެކު ރާއްޖޭގެ ހުރިހާ ސިޓީތަކަށް