ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރެރިޒަމްގެ ހަމަލާގައި އެ މަނިކުފާނުގެ ފުރާނައަށް ނުރައްކާވަރުގެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދިން ނުރައްކާތެރި ހަމަލާގައި ކުރީގެ ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާއި އެމަނިކުފާނުގެ ހާލުކޮޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނީ ރައީސް ނަޝީދު އެ ހޮސްޕިޓަލަށް ގެނެވުނުއިރު އެމަނިކުފާނުގެ ހަށިކޮޅުގެ އެކިތަންތަނުން ލޭ އަންނަމުން ދިޔަ ކަމަށެވެ. އަދި ގޮއްވާލި އައިއީޑިއިން ބުރެގެން ދިޔަ ރޭޒާ ފުއްތަކެއް ވެސް އެ މަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާ ކަމަށާއި މީގެ ތެރެއިން އެކެތިކޮޅު ފުއްޕާމޭ ފޫ އަޅާފައި ދިޔަ ކަމަށް ވެސް އެޓީމުން ބުންޏެވެ.
ޑޮކްޓަރުންގެ ޓީމުން ހާމަކުރި ގޮތުގައި އެ ދަގަނޑުކޮޅު ރައީސް ނަޝީދުގެ ހިތްޕުޅަށް ނުހެރި ހުރީ ހަމަ ކިރިޔާ ކަމަށާއި ހިތާ ހިސާބަށް ނުގޮސް ސަލާމަތްވީ ކަށިގަނޑެއްގައި ޖެހި އެ ފުނޑިގެން ދިއުމުން ކަމަށެވެ.
ފަރުވާ ދިން ޓީމުގެ ޑޮކްޓަރުން ބުނީ ބަނޑާއި ގޮހޮރުން ވެސް އެކި ތަންތަން ފޫ އަޅާފައި ހުރި ކަމަށާއި ލިވާގެ ތެރެއަށް ވެސް އެތިކޮޅެއް ވަދެފައި އޮތް ކަމަށެވެ.
ޑޮކްޓަރުން ވިދާޅުވި ގޮތުގައި ފުއްޕާމެއިން ވައި ބޭރުވުން ހުއްޓުވަން ޕެޗް އަޅަން ޖެހުނު ކަމަށެވެ. އަދި ގޮހޮރުން ފޫދިޔަ ތަންތަނުން ވެސް އެއްޗެހި ބޭރުގެ އިންފެކްޝަންގެ ބިރު އޮތް ކަމަށެވެ.
އަނިޔާގެ ތަފްސީލް ދެއްވަމުން ޑޮކްޓަރުން ވިދާޅުވި ގޮތުގައި ދަގަނޑު ރޭޒާ ފުއްތަކުގެ އިތުރުން އެހެން ބައެއް އެއްޗެހި ވެސް ހަށިގަނޑު ތެރެއަށް ވަދެފައިވެ އެވެ.
ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފިސަރު އަބްދުﷲ ނިޔާފް ވިދާޅުވީ ޑޮކްޓަރުން ބޮޑަށް ފަރިތަވެފައި ހުންނަނީ ލޭ ހޮޅިތަކުގައި ހުންނަ ގަނޑު ލޭކޮޅުތައް ނަގަން ކަމަށާއި އޮމާންކޮށް ހުންނަ ރޭޒާ ފުއް ފަދަ އެއްޗެހި ލޭގެ މައި ހޮޅި އަށް ވަނުމުން އެ ނެގުން ވީ އުނދަގޫ ކަމަކަށް ކަމަށެވެ. އެހެންވެ އާންމުކޮށް ޕްރޮސީޖާތައް ހަދާ ގޮތާ ހިލާފަށް، އެހެން ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ ވެސް އެހީއާ އެކު ވަރަށް އުނދަގުލުން ކަމަށެވެ.
އެ ހޮސްޕިޓަލުން ޖުމްލަ 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށެވެ.