ހޮރްމޫޒް ކަނޑުއޮޅީގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ބައެއް މަނަވަރުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އީރާނުން ބުނެފި އެވެ.
އޮމާން ކަނޑުގައި ހަރަކާތްތެރިވި އެމެރިކާގެ ބައެއް އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް، އީރާނުގެ އަސްކަރިއްޔާއިން ކުރޫޒް މިސައިލާއި މަތީ ފެންވަރުގެ ޑްރޯންތައް ބޭނުންކޮށްގެން އިންޒާރުގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ މަނަވަރުތައް އެ ސަރަހައްދުން ފޭބުމަށް މަޖުބޫރުވެފައިވާ ކަމަށް އީރާނުގެ އައިއާރްޖީސީ އާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާގެ ރައްދުގައި އީރާނުން ހޯރްމޫޒް ކަނޑުއޮޅިއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ވައްޓާލުމަށްފަހު، އެމެރިކާގެ ސިފައިން އީރާނުގެ އައްސޭރިފަށުގައި ހުރި ރާޑަރު މަރުކަޒުތަކަށް ހޮނިހިރު ދުވަހު ހަމަލާދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި، މަސްރަހު އިތުރަށް ގޯސްވެގެންދިޔަ ދަނޑިވަޅެކެވެ.
އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކުރި ގޮތުގައި އީރާނުގެ ހަތަރު ޑްރޯން އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކަނޑުގެ ދަތުރުފަތުރަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން 'އެކްސް' ގައި ބުނެފައިވަނީ، އެމެރިކާއިން ހަމަލާދީފައިވަނީ ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ގޯރޫކް އަދި ގެޝްމް އައިލެންޑުގައި ހުރި އީރާނުގެ ރާޑަރު މަރުކަޒުތަކަށް ކަމަށެވެ.
ތިން މަސް ދުވަސްވެފައިވާ މި ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއާއި އީރާނުން ދަނީ ނުސީދާކޮށް މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުގެ މަގްސަދަކީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ މުހިންމު ކަންކަން ފަހުގެ ތާރީޚަކަށް ބަހައްޓައި، ވަގުތީ އެއްބަސްވުމަކަށް އައުމެވެ.
މި އެއްބަސްވުމުގެ ދަށުން ތެހެރާނުން ބޭނުންވަނީ ތެލުގެ އާމްދަނީގެ ގޮތުގައި ހުރި ބިލިއަނުން ގުނޭ ޑޮލަރު ލިބޭނެ މަގު ފަހިވުމާއި، ތެޔޮ އެކްސްޕޯޓް ކުރުމުގައި ހުރި ދަތިތައް ނައްތާލުމާއި، އިރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމެވެ. ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޯރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް މިހާރު އޮތީ އީރާނުގެ އަތްދަށުގަ އެވެ.
އެމެރިކާގައި ތެލުގެ އަގު ބޮޑުވަމުންދާތީ، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ދަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންނެވެ. އެން.ބީ.ސީ އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ޑްރޯން އަދި މިސައިލް އުފައްދާ ގިނަ ކާރުހާނާތަކެއް ހަލާކުކޮށްލާފައިވީ ނަމަވެސް، އެ ގައުމުގެ އަތުގައި އަދިވެސް ފަސްބައިކުޅަ އެއްބައި މިސައިލް އެބަހުރި ކަމަށެވެ.
މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ.
ފްރާންސްގެ "މުރެއާ"އަކީ ތަފާތު މަންޒިލެއް!
ނާޒިމް އަށް އަލުން މިނިސްޓަރު ފެންވަރުގެ މަގާމެއް
ޖެނިފާގެ ތައުރީފު ކުރީގެ ފިރިމީހާ ބްުރެޑްއަށް!