ސެލްފީ ނެގުމާ އާދައިގެ ފޮޓޯއެއް ނެގުމާ ވަރަށް ތަފާތު. ސެލްފީ ނަގާއިރު ތަކުރާކުކޮށް ފޮޓޯ ނެގުމަށްފަހު ސިފައަށް ބަދަލު ގެނެވޭ. މިކަމަކީ ފަހަރުގައި މަޖަލަށް ކުރެވޭ ކަމަކަށް ވެދާނެ. ނަމަވެސް ސައިކޮލޮޖިސްޓުން ބުނާގޮތުގައި ސެލްފީގެ ސަބަބުން ނަފްސާނީ ބަލިމަޑުކަމެއް ޖެހިދާނެ. އެހެނީ ސެލްފީ ނަގާއިރު އެ ގެނެވޭ ބަދަލުތަކުން ބުނެދެނީ އެ މީހަކު ހުރި ސިފައާ ދޭތެރޭ ހިތްހަމަނުޖެހޭ ކަން. މިކަމަކީ ހާއްސަކޮށް ޓީނޭޖް ކުދިންނަށް ނުރައްކާތެރި ކަމެއް. މިކަމުން އެ ކުދިން ސަލާމަތް ކުރުމަށް ސައިކޮލޮޖިސްޓުން ބެލެނިވެރިންނަށް، ގިނަ އިރުޝާދުތަކެއް ދޭ.

އަތުގައި އަމިއްލަ ފޯނެއް އޮންނަ ގިނަ އަންހެން ކުދިން ސެލްފީ ނެގުމުގައި ގިނަ ވަގުތު ހޭދަ ކުރާކަން ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން ހާމަވެ އެވެ. ސެލްފީ ނެގުމަކީ "ކޫލް" ކަމެއް ކަމަށް ބެލެވުނު ނަމަވެސް، އެކަމުގައި ފޮރުވިފައިވާ އަނދިރި ފަރާތެއް ސައިކޮލޮޖިސްޓުން ފާހަގަ ކުރެ އެވެ. އެއީ ވާދަވެރި ކަމެވެ. ފުރިހަމަ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުގެ ބޭނުމުގަ އެވެ. ފޮޓޯ ރީތި ކުރުމަށް މޭކަޕް ކުރުން، ތަކުރާރުކޮށް ފޮޓޯ ނެގުން، ފިލްޓާ ބޭނުން ކުރުމުން އަންގައިދެނީ ތިމާގެ ސޫރަ ހުރި ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމެވެ. އެކަން ކަމަކީ އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭ ދަށްކޮށް ދެކެވޭކަމުގެ އަލާމާތެކެވެ.

ސެލްފީއެއް ނެގުމާއި ފޮޓޯއެއް ނެގުމާ ހާސް ތަފާތެވެ. ސެލްފީއެއް ނަމަ، ރަނގަޅު ޝޮޓެއް ނެގެންދެން ތަކުރާރު ކުރެވެ އެވެ. ދެން އެއަށް އެ މީހަކު ބޭނުންވާ އައްޔެއް ލެވެ އެވެ. ކުލަ ބަދަލު ކުރެވެ އެވެ. ބޭނުންވާ މެކަޕެއް ލުމާއި، ގައިގެ ބައްޓަން ބަދަލު ކުރުމާއި، މޫނުގައި ބިހި ހުރިނަމަ އޮމާން ކޮށްލުމާއި، ދަތްދޮޅި ފަދަ ތަންތަނަށް އެކި ބަދަލުތައް ގެނެވެ އެވެ.

ފަހަރުގައި މިކަންކަމަކީ ހެދި ބޮޑުވާ އުމުރުގައި މަޖަލަކަށް ކޮށްލެވޭ ފަދަ ކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް، ސައިކޮލޮޖިސްޓުން ބުނާ ގޮތުގައި ސެލްފީ ނަގާއިރު އެ ގެނެވޭ ބަދަލުތަކަކީ، އެހެން މީހުންނާ އަޅާ ކިޔޭތީ، އަޅާ ނުކިޔޭނެ ފެންވަރަކަށް ސިފަ ބެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ. ސެލްފީ ނެގުން ނުރައްކާތެރި ވަނީ މި ހިސާބުން ނެވެ.

އަމިއްލަ ސިފައާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކުދިން އެމީހުންގެ ސިފައަށް ބަދަލުތައް ގެނެސްގެން ސޯޝަލް މީޑިއާއަށް ލަނީ "ލައިކްސް" ހޯދުމަށެވެ. އެ ގޮތަށްލާ ފޮޓޯތަކަށް ކިތަންމެ ގިނަ "ލައިކްސް' ލިބުނު ކަމުގައިވި ނަމަވެސް، އެ ކުއްޖަކަށް ހިތްހަމަޖެހުމެއް ނުލިބޭ ކަމަށް ސައިކޮލޮޖިސްޓުން ބުނެ އެވެ.

ސައިކޮލޮޖިސްޓުން އިތުރަށް ބުނިގޮތުގައި، އެއްވެސް ވަރަކަށް ނަފްސާނީ ބަލިމަޑުކަމެއް ހުންނަ ކުއްޖެއް ނަމަ، މިފަދަ ސެލްފީ ނެގުންތަކުން އޭނާގެ ހުރި ބަލި އިތުރަށް ގޯސްވުމަށް މަގުފަހިވެ އެވެ. އެއީ އެފަދަ ކުދިން އޭނާގެ ސޫރަ އެހެން މީހުންނާ އަޅާކިޔޭ ގޮތް ވާތީ އެވެ. ނަތީޖާއަކަށް ވަނީ އިތުރަށް ޑިޕްރެސްވުމެވެ. އެ މައްސަލައަށް "ސެލްޕީ ޑިސްމޯފިއާ" އޭ ކިޔެ އެވެ. އެ ހާލަތު މެދުވެރިވުމުން އަމިއްލަ ސިފައިގައި އައިބު ހުރިކަމަށް އަމިއްލައަށް ނިންމަ އެވެ.

ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވިދާނެ ބައެއް ކަންކަން

މިކަމަށް އޮތް ހައްލެއް ކަމަށް ސައިކޮލޮޖިސްޓުން ލަފާ ދެނީ، މައިންބަފައިން އެކުދިންގެ ސިފައަށް ވުރެ އެ ކުދިންގެ ހުނަރަށް މުހިންމުކަން ދިނުމެވެ. އެކުދިންގެ ސިފައަށް ތައުރީފު ކުރުމާއެކު، އެއަށް ވުރެ ބޮޑަށް އެ ކުދިން ކުރާ މަސައްކަތަށާއި ހުނަރަށް ތައުރީފު ކުރުމެވެ. އޭރުން އެ ކުދިންގެ ހުނަރު ތަރައްގީވަމުންދާ ކަން ބޮޑަށް ފާހަގަވެ، އެކަމާ އަމިއްލައަށް ފަހުރު ވެރިވާން ފަށާނެ އެވެ.

މީގެ އިތުރުން، ބެލެނިވެރިޔާ އަކީ ސޯޝަލް މީޑިއާއަށް ފޮޓޯ ލާ މީހެއް ނަމަ، އެ ވާހަކަ ކުދިން ކައިރީ ނުދެއްކުމަށް ސައިކޮލޮޖިސްޓުން ލަފާދެ އެވެ. އަދި ސޯޝަލް މީޑިއާއިން ފެންނަ ފޮޓޯތަކުގެ ވާހަކަ ވެސް ކުދިންނާ ހިއްސާ ނުކުރުމަށް އެ ފަރާތުން އެދެ އެވެ. މީގެ އިތުރުން އެކުދިން ކައިރީ ބެލެނިވެރިޔާގެ ފޮޓޯއެއް ތަކުރާރުކޮށް ނަގަން ނުބުނުމެވެ. އެއްވެސް އިވެންޓަކަށް ދާނަމަ، މުޅި އިވެންޓް އެއްކޮށް ކެމެރާ ކުރަން ނުބުނުމެވެ. މުޅި ހަފްލާއެއް ކޮށް ވީޑިއޯކުރަން ބުނެވޭ ނަމަ، ސައިކޮލޮޖިސްޓުން ބުނާގޮތުގައި އެ ކިޔައި ދެވެނީ އެތާ އެވަގުތު ހުރުމުން ނުފުދޭ ކަމެވެ.

ސެލްފީ ނެގުމަކީ ކޫލް ކަމެއް ކަމަށް ދެކެވު ނަމަވެސް ފަހަރުގައި އޭގެ ސަބަބުން ނަފްސާނީ ބަލިމަޑު ކަމަކަށް ދިއުން ގާތެވެ.