ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ މައުލޫމާތު ފުލުހުން އާންމުކޮށްފި އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު ކަަމަށެވެ. އެ ދެ މީހުންގެ ވަނަވަރު ފުލުހުން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ފުލުހުން ވަނީ ނަޝީދަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކުރައްވައިފަ އެވެ.

އެގޮތުން ފުލުހުން މިއަދު އާންމު ކުރި ވީޑީއޯ ފުޓޭޖުން ފެނިގެން ދަނީ ރައީސް ނަޝީދު ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރާ ވަޑައިގަތުމަށް ހިންގަވާފައި ގޮސް މަޖީދީ މަގާއި ނީލޯފަރު ގުޅޭ ކަންމައްޗާ ހިސާބުން އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލާއި އަރާ ހަމަވި ވަގުތު ގޮއްވާލާ މަންޒަރެވެ

ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ކުށުގެ ރިކޯޑު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެ ހަމަލާގައި ނަޝީދާގެ އިތުރުން ތިން މީހަކަށް އަނިޔާ ލިބުނެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ.

ފަރުވާއަށް އޭޑިކޭ ހޮސްޕިޓަލަށް އެމަނިކުފާނު ވަގުތުން ވަނީ ގެންދެވިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ އެމަނިކުފާނަށް ފަރުވާ ދިނުމަށް ހަތަރު ސާޖަރީއެއް ހަދައިފަ އެވެ.

އެ ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނީ، ފުރާނައަށް ނުރައްކާވެދާނެ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފަރުވާއަށްފަހު މިހާރު ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.

އެ ހާދިސާއަށްފަހު ނަޝީދު ވަނީ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ވެސް ދައްކައިފަ އެވެ. ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި ކުރިއަށްވުރެ ގަދަކޮށް އަލުން މަސައްކަތަށް ނުކުންނާނެ ކަމަށެވެ.