ބަރަކާތްތެރި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ފުރަތަމަ ގްރޫޕް ރާއްޖެ އައީ ރޭގެ ވަގުތެއްގަ އެވެ. މި ގްރޫޕުގައި ޖުމްލަ 241 ހައްޖުވެރިން ހިމެނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޖުވެރިންނަށް މަރުހަބާ ކިޔުމަށް ގިނަ އަދަދެއްގެ އާއިލާތަކުން ޖަމާވެފައިވެ އެވެ.

ހައްޖުވެރިން އެނބުރި އަންނަން ފަށާފައިވާއިރު، ސިއްހީ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް އައިޖީއެމްއެޗް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ހައްޖަށް ގޮސް އެނބުރި އައުމަށްފަހު، ހުން އައުން ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އެދިފަ އެވެ. އަދި ހޮސްޕިޓަލުގެ ކުއްލި ފަރުވާދޭ ބަޔަށް ދާއިރު، ޓޯކަން ނަންބަރަށް މަޑުނުކޮށް، ޓްރަޔަޖް ކައުންޓަރުގައި ހުންނަ މުވައްޒަފަށް އެ މައުލޫމާތު ހިއްސާކުރުމަށް އެ ހޮސްޕިޓަލުން އިރުޝާދު ދެ އެވެ.

މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އައި ފުރަތަމަ ގްރޫޕްގައި ހިމެނޭ ބަޔަކު ވީއައިއޭގެ ޓާމިނަލުން ނުކުންނަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ތާވަލަށް ބަލާއިރު، ދެވަނަ ގްރޫޕް ޖޫން މަހުގެ 7 ވަނަ ދުވަހު އައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތިންވަނަ ގްރޫޕް ޖޫން 8 ގައި އަންނައިރު، ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ޖޫން 9 ވަނަ ދުވަހު އެވެ.

ސަރުކާރުގެ ބެލުމުގެ ދަށުން މިއަހަރު ރާއްޖެއިން 1،000 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ އެވެ.

މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ރާއްޖެ އައި ފުރަތަމަ ގްރޫޕްގައި ހިމެނޭ ބަޔަކު ވީއައިއޭގެ ޓާމިނަލުން ނުކުންނަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ މީހުން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރި އެވެ.