ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އަޅާބަލާއިރު އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުން ޕީއެންސީއަށް ލިބުނު ވޯޓު މަދުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވި ގޮތުގައި، ދާދިފަހުން ބޭއްވި ހިތަދޫ އުތުރު ދާއިރާގެ އިންތިހާބުގެ ނަތީޖާއިން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއަށް އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ވަނީ ހާމަވެފަ އެވެ. 2024 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް އެ ދާއިރާއިން 1385 ވޯޓު ލިބުނު ނަމަވެސް، މިފަހަރުގެ އިންތިހާބުގައި އެ ޕާޓީއަށް ލިބިފައިވަނީ 1313 ވޯޓެވެ.

ޕީއެންސީގެ ވޯޓު މަދުވި ނަމަވެސް، އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގައި ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. 2024 ވަނަ އަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް 838 ވޯޓު ލިބިފައިވާއިރު، މިފަހަރުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 1375 ވޯޓު ހޯދާފަ އެވެ. މިއީ އިތުރު 537 ވޯޓުގެ ބޮޑު ކުރިއެރުމެކެވެ. މެންބަރު އައްބާސް ފާހަގަކުރެއްވި ގޮތުގައި މިއީ އިދިކޮޅު ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އައްބާސް އިތުރަށް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ޕީއެންސީގެ ތާއީދު ދަށްވެފައިވާކަން ސާފުކޮށް ފެންނަން އޮތް ނަމަވެސް، އެ ޕާޓީން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓުންނަށް ލިބުނު ޖުމްލަ ވޯޓު އެއްކޮށްގެން ނަތީޖާ ދައްކަން އުޅުނު ނަމަވެސް، ހަގީގަތަކީ ވެރިކަން ކުރާ ޕާޓީއަށް އައްޑޫ ރައްޔިތުންގެ ތާއީދު ކުޑަވެއްޖެކަން ކަމުގައި އޭނާ ވިދާޅުވި އެވެ.