ތައުލީމީ ދާއިރާގައި ދިވެހި މުވައްޒަފުން ނުލިބޭ ދާއިރާތަކަށް ބިދޭސީން ގެނައުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އާންމުކޮށްފި އެވެ.

މި އުސޫލުގެ މަގުސަދަކީ ބިދޭސީ މުވައްޒަފުންގެ ފެންވަރު ކަށަވަރުކޮށް، ތައުލީމީ ދާއިރާއަށް ބޭނުންވާ އަދަދަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މުވައްޒަފުން ހޯދުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ އުސޫލުގައި ބުނާގޮތުން ރެކްރޫޓުމެންޓުގެ މަސައްކަތް ކުރުމަށް މަސްދުވަސް ތެރޭ ފަސް މެންބަރުންގެ ކޮމެޓީއެއް އުފައްދަން ޖެހެ އެވެ. އެ ކޮމެޓީއަށް މެންބަރުން އައްޔަނުކުރަން ޖެހެނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރެވެ.

އެ ކޮމިޓީއަށް މެންބަރުން އައްޔަނުކުރާއިރު ހިމަނައިގެން ނުވާނެ މުވައްޒަފުންގެ ތެރޭގައި މުވައްޒަފުން ވަޒީފާތަކަށް ހަމަޖެއްސުމުގައި ސީދާގޮތުން މަސައްކަތްކުރާ ޑިޕާޓްމަންޓް، ސެކްޝަންގެ މުވައްޒަފުން، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއެއްގެ މުވައްޒަފެއް ނުވަތަ އެފަދަ އެޖެންސީއެއްގެ ހިއްސާދާރެއް ނުވަތަ އެޖެންސީ ހިންގުމުގެ އިސް މަގާމެއް އަދާކުރާ މީހުން ހިމެނެ އެވެ. އަދި އެ ކޮމިޓީއަށް މެންބަރުން އައްޔަނުކުރާއިރު ހިމަނަން ޖެހޭ މުވައްޒަފުންގެ ތެރޭގައި ސްކޫލުގެ ޕްރިންސިޕަލުންގެ ތެރެއިން ދެ މެންބަރުން، މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީގެ ޑިޕާޓްމެންޓުތަކުގެ މުވައްޒަފުންގެ ތެރެއިން ރޭންކް އަށަކުން މަތީގެ ތިން މެންބަރުން ހިމެނެ އެވެ.

އެ އުސޫލުގައި ކޮމެޓީގެ މަސްއޫލިއްޔަތުތަކާއި އެޖެންސީގެ ޝަރުތުތަކާއި ޒިންމާ އާއި ހޮވާ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި ބިދޭސީ މުވައްޒަފުން ގެންނަން ޖެހޭނީ އެޖެންސީއެއް މެދުވެރިކޮށް ކަމަށާއި އެގޮތަށް ނުގެނެވިއްޖެ ހާލަތެއްގައި ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ސީދާ މިނިސްޓްރީއަށް ވެސް ގެނެވޭނެ ކަމަށް ބުނެފައިވެ އެވެ. އެ އުސޫލުގެ ދަށުން ގެންނަ ބިދޭސީންގެ ވަޒީފާ ހަމަޖެއްސުމަށް ނުވަތަ ހޯދުމަށް އެއްވެސް ފީއެއް ނެގުމަކީ މަނާ ކަމެކެވެ.