ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލުގެ އިންޖީނު ނަމްބަރު ފޮހެލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުގެ އެންމެ ފަހު މައުލޫމާތު ހާމަކުރަން މިއަދު ހަވީރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެ ސައިކަލުގެ އިންޖީނު ނަންބަރު ފޮހެލަން މަސައްކަތް ކުރިޔަސް ފޮރެންސިކް ޑިޕާޓްމެންޓްގެ މަސައްކަތުން އެ ނަންބަރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި ހާދިސާގައި ގޮއްވާލާފައިވާ ސަައިކަލުގެ ރެޖިސްޓްރީ ނަންބަރަކީވެސް ސައްހަ ނަންބަރެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޓަރަރިސްޓު ހަމަލާއާ ގުޅިގެން ތިން މީހުންގެ ފޮޓޯ އާންމުކޮށް ދެ މީހެއްގެ ވަނަވަރު ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ. ވަނަވަރު އާންމު ކުރި ދެ މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ ދެމީހުން ކަމަށާއި އެމީހުންނަކީ ހަރުކަށި ފިކުރަށް ތަބައަވާ ނުވަތަ އެފަދަ ފިކުރަކަށް އެލައިންވާ ބައެކެވެ.
ވަނަވަރު ހާމަކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެކެވެ. އަދި ތަހުމީން އަހުމަދަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތެވެ.
ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެ މީހާއަކީ އަތަމާ ޕެލެސް ކައިރީގައި މަޑުކޮށްގެން ހުރި މީހާ އެވެ. ބޮމުގެ ހަމަލާއަށްފަހު އެ މީހާ އެތަނުން ދުވެފައިވާ ދާ މަންޒަރު އަދި ވަކި ހިސާބަކުން ފައިވާން ބާލައިގެން އަތުން ހިފައިގެން ދުވެފައިދާ މަންޒަރު ފެންނަ ވިޑިއޯ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފުލުހުންގެ ތަހުގީގަށް ހޯދަމުންދާ އެންމެ މުހިންމު މީހާއަކީ ވެސް އެ މީހާ އެވެ.
ބޮން ގޮއްވާލި މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ނަޝީދު ގެއިން ނިކުމެވަޑައިގެން ފައިމަގުގައި ހިންގަވައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރައި ވަޑައިގަންނަވަން ދަނިކޮށް ގޮވާއެތި ހަރުކޮށްފައި ހުރި ސައިކަލާ އަރާހަމަވީތަނާ އެ ސައިކަލު ގޮއްވާލާ ތަނެވެ
ހަމަލާގައި ރައީސް ނަޝީދާގެ އިތުރުން ތިން މީހަކަށް އަނިޔާ ލިބުނެވެ. އެއީ އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އިނގިރޭސިވިލާތުގެ ފަތުރުވެރިއެއްގެ އިތުރުން އިތުރު ދިވެހި ފިރިހެނެކެވެ. ފަރުވާއަށް އޭޑިކޭ ހޮސްޕިޓަލަށް އެމަނިކުފާނު ވަގުތުން ވަނީ ގެންދެވިފަ އެވެ. އޭޑީކޭ ހޮސްޕިޓަލުން ވަނީ އެމަނިކުފާނަށް ފަރުވާ ދިނުމަށް ހަތަރު ސާޖަރީއެއް ހަދައިފަ އެވެ.
އެ ހޮސްޕިޓަލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމުން ބުނީ، ފުރާނައަށް ނުރައްކާވެދާނެ ފަދަ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފަރުވާއަށްފަހު މިހާރު ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.
ފަރުވާއަށް ފަހު ނަޝީދު ވަނީ ހަމަލާއަށްފަހު ފުރަތަމަ ފަހަރަށް ވާހަކަފުޅު ވެސް ދައްކައިފަ އެވެ. ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި ކުރިއަށްވުރެ ގަދަކޮށް އަލުން މަސައްކަތަށް ނުކުންނާނެ ކަމަށެވެ.