ހެނދުނު ހޭލައިގެން ބޯލާ ހޫނު ކޮފީ ތަށްޓަކީ ގިނަ ބަޔަކަށް ދުވަސް ފެށުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ކޮފީގައި ހުންނަ ކެފެއިންގެ ސަބަބުން ހަށިގަނޑު ހޭލައްވާލައި މީހާ މާ ހީވާގި ކޮށްދެ އެވެ.

ނަމަވެސް ބައެއް މީހުންނަށް ކޮފީ ބުއިމުން އޭގެ އިދިކޮޅު އަސަރުތަކެއް ކުރެ އެވެ. ހިތުގެ ތެޅުން އަވަސްވުމާއި، އަތްފައި ތުރުތުރުލުމާއި، ނުތަނަވަސްކަން ނުވަތަ އެންޒައިޓީ އެޓޭކެއް އަންނަ ފަދަ އިހުސާސެއް ކުރެވެ އެވެ.

އެނެސްތީސިއޮލޮޖިސްޓް އަދި ޕެއިން މެޑިސިން ފިޒީޝަން ޑރ. ކުނާލް ސޫދު ވަނީ ކޮފީ ބުއިމުން ބައެއް މީހުންނަށް ހާސްކަން އިތުރުވާ ސައިންޓިފިކް ސަބަބުތަކާއި މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ފަސޭހަ ކަންތައްތައް ހާމަ ކޮށްދީފަ އެވެ.

ކޮފީ ބުއިމުން ހާސްކަން އިތުރުވަނީ ކީއްވެ؟

ޑރ. ސޫދު ވިދާޅުވި ގޮތުގައި ކޮފީގެ ސަބަބުން މީހާ ހޭލައްވައިދޭ މާއްދާއަކީ ހަމަ އެމީހާ ހާސްކަމުގެ ތެރެއަށް ވައްޓާލާ މާއްދާ އެވެ. ކެފެއިން މަސައްކަތް ކުރަނީ ސިކުނޑީގައި ހުންނަ އެޑިނޯސީން ކިޔާ ކެމިކަލެއް ބްލޮކް ކޮށްގެންނެވެ.

އެޑިނޯސީންއަކީ އިންސާނާއަށް ވަރުބަލިކަން އިހުސާސް ކޮށްދީ، ނިދަން ބޭނުންވާ ކަމުގެ ސިގްނަލް ސިކުނޑިއަށް ފޮނުވައިދޭ މާއްދާ އެކެވެ.

މި ސިގްނަލް ބްލޮކް ވުމުން މީހާ މާ ބޮޑަށް ހޭލުންތެރިވެ ހަށިގަނޑުގެ ނާރުގެ ނިޒާމު ނުތަނަވަސްވެ އެވެ. މީގެ ސަބަބުން ދިމާވާ ކަންކަމުގެ ތެރޭގައި

  • ހިތުގެ ތެޅުން އަވަސްވުން.
  • އަތްފައި ތުރުތުރުލުމާއި ދާ ހިއްލުން.
  • ހާސްވެ "ކޮންމެވެސް ކަމެއް ގޯސްވާން އުޅޭ ކަމުގެ" ނުބައި އިހުސާސެއް ކުރެވުން.

މި އަލާމާތްތަކަކީ އެންޒައިޓީ ނުވަތަ ހާސްކަމުގެ ބަލި ހުންނަ މީހުންނަށް ކުރެވޭ އިހުސާސްތަކާ ދާދި އެއްގޮތް އަލާމާތްތަކެކެވެ.

ކެފެއިން ހަށިގަނޑަށް ބަރުދާސްތު ކުރެވެނީ ކިހާވަރަކަށް؟

އާއްމުކޮށް ދުޅަހެޔޮ ބޮޑު މީހަކަށް ދުވާލަކު 400 މިލިގްރާމް ކެފެއިން (ގާތްގަނޑަކަށް 3 އިން 4 ތަށި ކޮފީ) ބުއިމަކީ ރައްކާތެރި މިންވަރެކެވެ. ނަމަވެސް ކޮންމެ މީހެއްގެ ހަށިގަނޑު ކެފެއިންއަށް އިޖާބަދޭ ގޮތް ތަފާތެވެ.

ޑރ. ސޫދު ފާހަގަކުރެއްވި ގޮތުގައި، އަންނަނިވި ސަބަބުތަކާ ހުރެ ކޮފީ ބުއިމުން މީހާއަށް މާ ބޮޑަށް އަސަރު ކޮށްފާނެ އެވެ:

  • ޖެނެޓިކްސް (ނަސްލީގޮތުން ހުންނަ ސިފަތައް): ބައެއް މީހުންގެ ހަށިގަނޑުން ކެފެއިން ބޭރުކުރަން ގިނަވަގުތު ނަގަ އެވެ.
  • ނިދި މަދުވުމާއި ސްޓްރެސް ބޮޑުވުން: މިފަދަ ހާލަތްތަކުގައި ކޮފީ ބުއިމުން ހާސްކަން ދެގުނަވެ އެވެ.
  • ހުސް ބަނޑާހުރެ ކޮފީ ބުއިން: ހުސްބަނޑާ ހުރެ ކޮފީ ބުއިމުން ކެފެއިން ހަށިގަނޑަށް ދަމައިގަންނަ ދުވެލި އަވަސްވެ، އަތްފައި ތުރުތުރުލުން ބޮޑުވެ އެވެ.

ކޮފީގެ ސަބަބުން ހާސްވުން ހުއްޓުވާނީ ކިހިނެއް؟

މުހިއްމީ ސިއްހީ ގޮތުން ހުއްދަ މިންވަރެއް ބެލުމެއް ނޫނެވެ. މުހިންމީ އަމިއްލަ ހަށިގަނޑަށް ބަރުދާސްތު ކުރެވެނީ ކިހާ މިންވަރެއްތޯ ބެލުމެވެ. ކޮފީ ބުއިމުން ހާސްކަން އިތުރުވާނަމަ ޑޮކްޓަރު ދެއްވާ ލަފަޔަކީ

  • ކޮފީ ބޯ މިންވަރު މަދުކުރުން: ދުވާލަކު ބޯ ތަށީގެ އަދަދު މަދުކޮށްލާށެވެ.
  • ކޮފީ ބުއިމުގެ ކުރިން ކޮންމެވެސް އެއްޗެއް ކެއުން: އެއްވެސް އިރެއްގައި ހުސްބަނޑާ ހުރެ ކޮފީ ނުބޯށެވެ. ބަތް ނުވަތަ ހެނދުނުގެ ނާސްތާއަށް ފަހު ކޮފީ ބޯށެވެ.
  • ޑިކެފްއަށް ބަދަލުވުން: ކެފެއިން މަދު ނުވަތަ ކެފެއިން ފްރީ ކޮފީއަކަށް ބަދަލު ކޮށްލާށެވެ.
  • ފަސްވުމުން ކޮފީ ނުބުއިން: މެންދުރުފަހު 2 ގެ ފަހުން ކޮފީ ބުއިން ހުއްޓާލާށެވެ. މީގެ ސަބަބުން ރޭގަނޑުގެ ނިދި ހަލާކު ވުމުން ސަލާމަތްވާނެ އެވެ.