ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލްގެ ވޯޓުތަކެއް ހައި ކޯޓުން ބާތިލް ކުރުމުން އެ ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ލިބިފައި ވަނިކޮށް އެ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މިދިޔަ ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކޮށްފައި ވަނިކޮށް އެ ގޮނޑި ޕީއެންސީއަށް ލިބުނީ ތިކިތަކެއް ހުރި ވޯޓު ކަރުދާސްތަކެއްގެ މައްސަލަ ޕީއެންސީގެ ކެންޑިޑޭޓްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުންނެވެ.

އެ މައްސަލާގައި ހައި ކޯޓުން ނިންމާފައި އޮތީ ތިކިތަކެއް ހުރި ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އެ ތިން ވޯޓު އުނިކުރުމަށްފަހު އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އަމުރުކޮށްފައިވެ އެވެ. އެގޮތަށް އަމަލު ކުރުމުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓެވެ.

އެ ހުކުމް އިސްތިއުނާފު ކުރަން އެމްޑީޕީގެ ކެންޑިޑޭޓްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ދެލި ތިކިތަކެއް ހުރެގެން ވޯޓު ކަރުދާސްތައް ބާތިލްވާނަމަ އެއީ މުޅި އިންތިހާބީ ނިޒާމަށް އަސަރުކުރާނެ ކަމެއް ކަމަށެވެ.

ހުކުމުގައިވަނީ ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ, ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުالله ހަމީދާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި އެ ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހަމީދެވެ.

އެ މައްސަލާގެ ހުކުމް އިއްވިއިރު, އެ މައްސަލަ ކޯޓުގައި އޮތުމުން ޕީއެންސީ ކެންޑިޑޭޓް މިހާތަނަށް މަގާމުގެ ހުވާ ކޮށްފައެއް ނުވެ އެވެ.