ކަރީ ބާކަރް ޑައިރެކްޓްކޮށް، މި އަހަރު ސިނަމާތަކަށް ނެރުނު ބިރުވެރި ފިލްމު "އޮބްސެޝަން"އަކީ މިއަދު މުޅި ހޮލީވުޑް ސިއްސުވާލާފައިވާ ފިލްމެކެވެ.

ވަރަށް ކުޑަ ބަޖެޓަކުން އުފައްދައ، ބޮކްސް އޮފީހުގައި މިލިއަނުން އާމްދަނީ ހޯދަމުންދާ މި ފިލްމު ގޭގައި ތިބެގެން އޮންލައިންކޮށް ބަލާލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް މިވަނީ އާ ހަބަރެއް ލިބިފަ އެވެ.

ފިލްމުގެ އާދަޔާ ހިލާފު ކާމިޔާބީގެ ސަބަބުން މީގެ ކުރިން ބެލުންތެރިން އުންމީދު ކޮށްގެން ތިބި ތާރީހަށް ވުރެ ޑިޖިޓަލް ރިލީޒް މިވަނީ ލަސްވެފަ އެވެ.

ފިލްމު ޑިސްޓްރިބިއުޓްކުރާ ކުންފުނި ކަމަށްވާ "ފޯކަސް ފީޗާސް"އިން ކުރިން ނިންމާފައި އޮތީ ޖޫން 2، 2026 ގައި މި ފިލްމު ޑިޖިޓަލްކޮށް ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑްއަށް ދޫކޮށްލުމަށެވެ. އެއީ ސިނަމާތަކަށް ނެރުނުތާ އެންމެ 17 ދުވަސް ފަހެވެ.

ނަމަވެސް ފިލްމަށް ލިބެމުންދާ ތަރުހީބު ދުވަހެއް ދުވަހަކަށް އިތުރުވެ، ބޮކްސް އޮފީހުގެ އާމްދަނީ މައްޗަށް ދާން ފެށުމުން، މެއި 31 ގައި ޑިސްޓްރިބިއުޓަރުން ވަނީ ޖޫން 2 ގައި ނެރެން އޮތް ޑިޖިޓަލް ރިލީޒް ކެންސަލްކޮށްފަ

އެވެ. ސަބަބަކީ ސިނަމާތަކުން ލިބޭ ބޮޑު އާމްދަނީ ހުއްޓުވަން ބޭނުން ނުވުމެވެ. ފިލްމު އޮންލައިންކޮށް ނެރެން އޮތް ދުވަހުވެސް ސިނަމާތަކުން އެކަނި 5.7 މިލިއަން ޑޮލަރު މި ފިލްމަށް ލިބުނެވެ.

ދެން ފިލްމު ސްޓްރީމްކުރަން ފަށާނީ ކޮން އިރަކުން؟

ޔުނިވާސަލް ޕިކްޗާސްގެ އާ އުސޫލުތައް ބުނާ ގޮތުން، ފިލްމުތައް ޑިޖިޓަލްކޮށް ނެރެވޭނީ ސިނަމާގައި ދައްކޭތާ މަދު ވެގެން ފަސް ހަފްތާ ފަހުންނެވެ. އެ މިންގަނޑަށް ބަލާނަމަ، އެންމެ އަވަހަށްވެސް "އޮބްސެޝަން" އޮންލައިންކޮށް ލިބޭނީ ޖޫން 16، 2026ހާ ހިސާބުގަ އެވެ.

ނަމަވެސް، ފިލްމީ ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި ފިލްމުގެ މަގުބޫލުކަން އަދިވެސް ހުރި ގޮތުން، ޖޫން މަހުގެ ފަހުކޮޅަށް ނުވަތަ ޖުލައި މަހުގެ މެދެއްހާ ހިސާބަށް ޑިޖިޓަލް ރިލީޒް ދިއުން އެކަށީގެންވެ އެވެ.

އޮންލައިންކޮށް ކުއްޔަށް ނުވަތަ ގަންނަން ލިބެން ފެށުމުން، ދެން އެންމެ އަވަހަށް ފިލްމު ސްޓްރީމްކުރަން ފަށާނީ "ޕީކޮކް" އެޕްލިކޭޝަނުންނެވެ.

މައިކަލް ޖޯންސްޓަން އަދި އިންޑޭ ނަވަރެޓޭ ލީޑް ރޯލްތަކުން ފެނިގެންދާ މި ފިލްމަކީ، އެއްފަރާތުގެ ލޯތްބެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސައިކޮލޮޖިކަލް ހޮރޯ ފިލްމެކެވެ.

ފިލްމުގެ މައިގަނޑު ވާހަކަ ބިނާ ވެފައިވަނީ އެދޭ ކޮންމެ އެދުމެއް ފުރިހަމަ ކޮށްދޭ ކަމަށް ބުނާ ކުޅޭ އެއްޗެއްގެ ސަބަބުން، އިންސާނާގެ ދިރިއުޅުން ބިރުވެރި ހުވަފެނަކަށް ބަދަލު ވެގެންދާ ގޮތުގެ މައްޗަށެވެ.

ބަޖެޓުގައި އެންމެ 1 މިލިއަން ޑޮލަރުވެސް ނެތް މި ފިލްމަށް މިހާރު ވަނީ ދުނިޔޭގެ އެކި ކޮޅުތަކުން 100 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އެހެން ކަމުން ސިނަމާގެ ބޮޑު ސްކްރީނުގައި ބެލުންތެރިން ސިއްސުވާލަމުންދާ "އޮބްސެޝަން" ގޭގެ ސޯފާގައި ތިބެގެން ބަލާލަން ބޭނުންވާ ފަރާތްތަކުން އަދި ކުޑަކޮށް އިންތިޒާރުކޮށްލަން ޖެހޭނެ އެވެ.