ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލެންޑް ޓީމުގެ ބައެއް ޓްރެއިނިން އިކުއިޕްމަންޓްތައް ވަގަށް ނަގައިފި އެވެ.

އިންގްލެންޑްގެ ޓީމުގެ ޓްރެއިނިން އިކުއިޕްމަންޓްތައް އެމެރިކާގެ ކެންސަސް ސިޓީއަށް ގެންދިޔަ ވެހިކަލްތަކުން ވަނީ ވައްކަންކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެ ވެހިކަލްތަކުން ގެއްލުނު ސާމާނުތަކުގެ ތެރޭގައި ބޯޅަ އާއި ބޫޓޫ ހިމެނެއެވެ. އިންގްލެންޑްގެ ފުޓްބޯލް އެސޯސިއޭޝަނުން ދަނީ ގެއްލުނު ސާމާނުތައް ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ.

ކެންސަސް ސިޓީގައި އިންގްލެންޑްގެ ޓީމުން ކޭމްޕްކުރާނީ ސްވޯޕް ސޮކާ ވިލެޖްގައެވެ. އިންގްލެންޑްގެ ޓީމު މި ކޭމްޕަށް އަންނަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރެވެ. ޓީމު އައުމުގެ ކުރިން، އިކުއިޕްމަންޓްތައް ވަނީ މި ކޭމްޕަށް ފޮނުވައިފަ އެވެ.

އެމެރިކާގެ ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މި ވައްކަމާ ގުޅިގެން، އެމެރިކާގެ ފުލުހުން ވަނީ މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

"ކެންސަސް ސިޓީއަށް މިއަދު އައި ޓީމެއްގެ ވެހިކަލް ތެރޭގައި ހުރި ބައެއް އިކުއިޕްމަންޓް ގެއްލިފައިވާތީ އެކަން މި ދަނީ ބަލަމުން،" ކެންސަސް ސިޓީގެ ފުލުހުންގެ ތަރުޖަމާނު ބުންޏެވެ.

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބުދަ ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، ޓްރެއިނިން ބައެއް ސާމާނު ގެއްލުމަކީ އެ ޓީމުގެ ތައްޔާރީތަކަށް އަސަރުކޮށްފާނެ ކަމެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން އިންގްލެންޑްގެ ޓީމުން އާދިއްތަ ދުވަހު ފަރިތަކުރުންތައް ފަށާނެ އެވެ.