މިއީ ވީޑިއޯ ގޭމެއްގެ ވާހަކައެއް ނޫނެވެ. މިއީ މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ހަގީގަތެވެ. މިއަހަރުގެ މުބާރާތް ބާއްވާ ތިން ގައުމު (އެމެރިކާ, ކެނެޑާ, މެކްސިކޯ)އަށް ނިސްބަތްކޮށް އެޑިޑާސްއިން އުފައްދާފައިވާ ރަސްމީ މެޗު ބޯޅަ "ޓްރިއޮންޑާ"އަކީ ހަމައެކަނި ހަމާއި ވައިގެ ބޯޅައެއް ނޫނެވެ. އެއީ ކޮންމެ މެޗެއްގެ ކުރިން ފޯނެއް ފަދައިން ޗާޖު ކުރަންޖެހޭ ސައިންޓިފިކް ޑިވައިސް އެކެވެ.
ބޯޅައިގެ އެތެރޭގައިވާ "ކޮމްޕިއުޓަރު"
"ޓްރިއޮންޑާ" ބޯޅައިގެ އެތެރޭގައި (ބޯޅައިގެ އެއް ޕެނަލްގެ ދަށުގައި) ވަނީ 500Hz ގެ މޯޝަން ސެންސަރު ޗިޕެއް ހަރު ކޮށްފަ އެވެ. މި ޓެކްނޮލޮޖީއަށް ކިޔަނީ "ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ" އެވެ.
މި ސެންސަރުން ސިކުންތަކު 500 ފަހަރު ބޯޅައިގެ ހަރަކާތްތައް ރެކޯޑް ކުރެ އެވެ. މީގެ ތެރޭގައި
- ކުޅުންތެރިއެއްގެ ފައި ބޯޅައިގައި ބީހޭ ސީދާ މިލި ސިކުންތު ދެނެގަތުން.
- ބޯޅަ ދަތުރުކުރާ ދުވެލި، އެނބުރޭ މިންވަރު އަދި މިސްރާބު.
- ދަނޑުމަތީގައި ބޯޅަ އޮތް ސީދާ ތްރީ-ޑީ ޕޮޒިޝަން.
މި ހުރިހާ މައުލޫމާތެއް ވަގުތުން ވަޔަލެސްކޮށް ވީއޭއާރް ރޫމަށާއި ދަނޑުގެ ޓްރެކިންގް ކެމެރާތަކަށް ފޮނުވައިދެ އެވެ.
ކޮންމެ މެޗެއްގެ ކުރިން 90 މިނެޓުގެ ޗާޖެއް!
މި ސެންސަރު މެދުކެނޑުމެއްނެތް ގޮތެއްގައި މަސައްކަތްކުރުމަށް ބޯޅައިގެ އެތެރޭގައި ކުޑަ ރީޗާޖަބަލް ބެޓެރިއެއްވެ އެވެ. މެޗެއް ފެށުމުގެ ކުރިން ހާއްސަ ވަޔަލެސް ޗާޖިންގް ޑޮކެއް ބޭނުން ކޮށްގެން ބޯޅަ 90 މިނެޓު ވަންދެން ޗާޖު ކުރަންޖެހެ އެވެ.
ފުރިހަމައަށް ޗާޖުވުމުން ބެޓެރި ހަ ގަޑިއިރަށް ހިފަހައްޓަ އެވެ. މިއީ މެޗުގެ 90 މިނެޓާއި، އިތުރު ވަގުތުގެ 30 މިނެޓުގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓް ކުރިއަށްދިޔަސް ފުދޭނެ ވަގުތެކެވެ. ބޯޅަ ބޭނުންނުކޮށް ދަނޑުން ބޭރުގައި އޮންނަ ވަގުތުތަކުގައި ބެޓެރީ ސަލާމަތް ކުރުމަށްޓަކައި ބޯޅަ އަމިއްލައަށް ހައިބަނޭޝަންއަށް ދެ އެވެ.
ބެޓެރީ ހުސްވެއްޖެނަމަ ވާނީ ކިހިނެއް؟
މެޗެއްގެ މެދު ތެރެއިން ބޯޅައިގެ ބެޓެރީ ހުސް ވެއްޖެނަމަ ވީއޭއާރް ރޫމަށް ލިބޭ ޑޭޓާ ފީޑް ކެނޑޭނެ އެވެ. މީގެ ސަބަބުން އޮފްސައިޑް ފަދަ ނާޒުކު ނިންމުންތައް ނިންމަން ރެފްރީންނަށް އުނދަގޫވާނެ އެވެ. އެހެންކަމުން ބޯޅަ ޗާޖު ކުރުމަކީ އިހްތިޔާރީ ކަމެއް ނޫނެވެ.
ރެފްރީންނަށް ލިބޭ ފައިދާއަކީ ކޮބާ؟
މި ޓެކްނޮލޮޖީގެ އެންމެ ބޮޑު ބޭނުމަކީ އިންސާނުންނަށް ހެދޭ ގޯސްތައް ނައްތާލުމެވެ. ބޯޅައިގައި ކުޅުންތެރިއަކު ފައިން ޖެހި ސީދާ ވަގުތު އެނގުމުން، ދަނޑުގެ ކެމެރާތަކާ ގުޅުވައިގެން ސެމީ-އޮޓޮމޭޓެޑް އޮފްސައިޑް ނިންމުންތައް އެންމެ 3-4 ސިކުންތު ތެރޭގައި ނިންމާލެވެ އެވެ.
މީގެ އިތުރުން ބޯޅަ ރީތިކޮށް ގޯލްލައިން ހުރަސް ކުރިތޯއާއި އަތުގައި ބޯޅަ ޖެހުނުތޯ (ހޭންޑްބޯލް) ބެލުމުގައިވެސް މިއީ އެންމެ ފަހުގެ ޑިވައިސް އެކެވެ.
ބޯޅައިގެ ބަރުދަނަކީ އެންމެ 14 ގްރާމް ކަމުން، ބޯޅައިގެ އެތެރޭގައި މިފަދަ ނިޒާމެއް އޮތްކަމެއް ކުޅުންތެރިންނަކަށް އިހުސާސެއް ނުކުރެވޭނެ އެވެ. ބޯޅައިގެ ބެލެންސް ހިފެހެއްޓުމަށްޓަކައި އެޑިޑާސް އިން ވަނީ އަނެއް ފަރާތްތަކުގައި ކައުންޓާ-ވެއިޓްސް ހަރު ކޮށްފަ އެވެ.
ފުޓްބޯޅަ މިވަނީ އާދައިގެ ކުޅިވަރަކުން ޑިޖިޓަލް ސައިންސަކަށް ބަދަލުވެފަ އެވެ. 2026 ގެ ވޯލްޑް ކަޕްގައި ޖަހާ ކޮންމެ ގޯލަކާއި، ނިންމާ ކޮންމެ އޮފްސައިޑެއްގެ ފަހަތުގައި ވަނީ މި ބޯޅައިގެ އެތެރޭގައިވާ ބެޓެރީއާއި ޗިޕެވެ. އެހެންކަމުން މެޗު ފެށުމުގެ ކުރިން ބޯޅަ ޗާޖު ކުރުމަކީ މިއަދު ފޯނު ޗާޖުކުރުން ފަދަ މުހިއްމު ކަމެކެވެ.
ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުން ނިމުމަކަށް!
ނަޝީދުގެ ރިޔާސަތުގައި މާދަމާ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި