ބޮލީވުޑްގެ ނެށުމުގެ ރާނީގެ ގޮތުގައި މަޝްހޫރުވެފައިވާ މޮރޮކޯގެ ނޯރާ ފަތޭހީ ބައިނަލްއަގުވާމީ ދުނިޔޭގައި އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯދައި، މުޅި ދުނިޔެ ސިއްސުވާލައިފި އެވެ.
ފީފާ ވޯލްޑް ކަޕް 2026ގެ ރަސްމީ އެންތަމް އެލްބަމްގައި ހިމެނޭ ނޯރާގެ އާ ލަވަ "ސީރް ސީރް" ޔޫޓިއުބަށް ދޫކޮށްލިތާ 24 ގަޑިއިރު ތެރޭގައި، ދުނިޔޭގެ މިއުޒިކް އައިކަން ޝަކީރާ ހަދާފައިވާ ރެކޯޑެއް ވަނީ މުގުރާލާފަ އެވެ.
މިއާއެކު "ސީރް ސީރް" ވެގެން ގޮސްފައިވަނީ ލަވަ ރިލީޒްކުރި ފުރަތަމަ ދުވަހު ޔޫޓިއުބްގައި އެންމެ ގިނަ ވިއުސް ހޯދި ފީފާ އެންތަމް އަށެވެ.
ފުރަތަމަ 24 ގަޑިއިރުގެ ކުރި ހޯދުން
މި ލަވަ ރިލީޒްކުރިތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބްގައި 20 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ހޯދާފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ޝަކީރާގެ ފީފާ ލަވަ "ދާއީ ދާއީ" އަށެވެ. ޝަކީރާގެ ލަވައަށް ފުރަތަމަ 24 ގަޑިއިރު ތެރޭގައި ލިބުނީ 8.2 މިލިއަން ވިއުސްއެވެ. ނޯރާ ވަނީ މާ ބޮޑު ތަފާތަކުން ޝަކީރާގެ މި އަދަދު ފަހަތަށް ޖައްސާލާފަ އެވެ.
"ސީރް ސީރް" އަކީ ނޯރާ ފަތޭހީއާއެކު ފްރާންސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ވެޖެޑްރީމް އަދި ބަންގްލަދޭޝް-އެމެރިކާގެ މިއުޒިކް ޕްރޮޑިއުސަރު ސަންޖޯއި ގުޅިގެން ތައްޔާރު ކޮށްފައިވާ ލަވަ އެކެވެ.
"ސީރް" ގެ މާނައާއި ލަވައިގެ އަސްލު
އަރަބި ބަހުން "ސީރް"ގެ މާނައަކީ "ހިނގާ ދާން!" ނުވަތަ "ކުރިއަށްދޭ!" އެވެ. ނޯރާ ހާމަކުރި ގޮތުގައި މި ލަވައިގެ ހިޔާލު އޭނާއަށް ލިބުނީ މޮރޮކޯގައި ބޭއްވުނު ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން ސްޓޭޑިއަމްގައި ތިބި 70,000 އެއްހާ ސަޕޯޓަރުން އެއްއަޑަކުން މިލަފުޒުން ކިޔަމުންދިޔަ ފޯރިގަދަ އަޑު އިވުމުންނެވެ.
ޝަކީރާ، ކޭޓީ ޕެރީ އަދި ބާނާ ބޯއި ފަދަ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ތަރިންނާއެކު ލައިނަޕްގައި ހިމެނުމުން ނޯރާ ހުރީ އިންތިހާއަށް އުފާވެފަ އެވެ.
ނޯރާ ބުނި ގޮތުގައި އެ ފެންވަރަށް ވާސިލްވުމަށްޓަކައި އޭނާގެ މުޅި އުމުރު ދުވަހު ބުރަ މަސައްކަތް ކުރި ކަމަށާއި އެއީ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ގުރުބާނީއާއި، އަނިޔާތަކާއި، އަދި ދުވަހަކުވެސް އުންމީދު ދޫނުކޮށް ކުރި މަސައްކަތުގެ ނަތީޖާ އެވެ.
"އަހަރެންގެ މޮރޮކޯ އަދި ކެނެޑާގެ އަސްލާއި، ދެކުނު އޭޝިއާގެ ސަޕޯޓަރުންގެ ލޯބި މި ޕްރޮޖެކްޓުން ދުނިޔެއަށް ދައްކާލެވުމަކީ ލިބުނު ބޮޑު ޝަރަފެއް،" ނޯރާ ބުންޏެވެ.
މިއީ ފީފާގެ ބޮޑު ސްޓޭޖަކުން ނޯރާ ފެނުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2022 ގެ ގަތަރު ވޯލްޑް ކަޕްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވެސް އޭނާ ވަނީ "ލައިޓް ދަ ސްކައި" ލަވައިން ފެނިގެން ގޮސްފަ އެވެ.
ނިދި ގުރުބާން ކޮށް މެޗުތައް ބަލާ މީހުންނަށް މާހިރުންގެ އިންޒާރެއް
ނަޝީދުގެ ރިޔާސަތުގައި މާދަމާ ރޭ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް