ހުކުރު ދުވަހު ބޭއްވި އިންތިހާބުން އެމްޑީޕީ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރަސްމީކޮށް އޮފީހަށް ނުކުންނަވައި މިއަދު އެ ޕާޓީ ހިންގުމުގެ މަސައްކަތްޕުޅު ފައްޓަވައިފި އެވެ.

އެމްޑީޕީގެ އެތެރޭގެ ސިޔާސީ ފޯރި އިންތިހާއަށް ގަދަވެގެންދިޔަ މި އިންތިހާބުގައި ރައީސް ނަޝީދު ވަނީ ވާދަވެރި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ މައްޗަށް މުޅި ރާއްޖޭގައި ބޮޑު ކުރިއެރުމެއް ހޯއްދަވާފަ އެވެ. މި އިންތިހާބު ނަޝީދު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި ނަތީޖާ ދައްކާ ގޮތުން އެމަނިކުފާނަށް 69 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. އެގޮތުން ސައްހަ 30,363 ވޯޓުގެ ތެރެއިން ޖުމްލަ 20,943 ވޯޓު ކަށަވަރުކުރެއްވީ ނަޝީދެވެ.

މި އިންތިޚާބަކީ ކުރިން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިޚާބެކެވެ. ސިޔާސީ ގޮތުން ބަލާއިރު، މިއީ އެމްޑީޕީގެ އެތެރޭގެ ދެ ފިކުރެއްގެ ދެމެދުގައި ހިނގި ބޮޑު ކުރިމަތިލުމެކެވެ. މަގާމުން ވަކިވެވަޑައިގަތް ފައްޔާޒު އިސްމާއީލް ހުންނެވީ ރައީސް ނަޝީދުގެ ފަހަތްޕުޅުގަ އެވެ. އަނެއްކޮޅުން، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު މީކާއީލް އިންތިޚާބަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދާއި ބާރާއެކުގަ އެވެ. ނަމަވެސް ޕާޓީގެ އާންމު މެންބަރުން މިވަނީ ބޮޑު އަގުލަބިއްޔަތަކުން ޕާޓީގެ ހިންގުން ރައީސް ނަޝީދާ ހަވާލުކުރަން ނިންމާފަ އެވެ.

ކަން އެހެން އޮއްވައި ނަޝީދު މިއަދު ވަނީ އެ ޕަޓީގެ މަސައްކަތްޕުޅު ކުރައްވަން ފައްޓަވައިފަ އެވެ. އެގޮތުން މިއަދު ރަސްމީކޮށް އޮފީހަށް ނުކުމެވަޑައިގެން ޕާޓީގެ ކަންތައްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އެ އޮފީހުގެ ބޭފުޅުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.