ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އިންޓަލިޖެންސް އޮޑިޓެއް ހަދަން އަންގަވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރޭ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެމަނިކުފާނުގެ ސަލާމަތީ ކަންކަމާގުޅޭ ދިރާސާއެއް ހެދުމަށް މިހާރު ވެސް ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަކަމުން ދިޔަގޮތާއި، އެކަމުގެ ތަފުސީލީ ރިޕޯޓެއް މިއަދުގެ ވަގުތެއްގައި އެމްއެންޑީއެފުން އެ މަނިކުފާނާ ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ފުލުހުންނާއި، ސިފައިންގެ އިންޓެލިޖެންސާބެހޭ ޚާއްސަ އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ރިޕޯޓުގެ އަލީގައި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ބަލައި، ބަދަލުތައް ގެންނާނެ ކަމަށް ވެސް އެ ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ރޭގައި ނެޝެނަލް ސެކިއުރިރޓީ ކައުންސިލާއެކީ ބައްދަލުކޮށްފައި ނިންމައިފިން އެމްއެންޑީއެފާއި ޕޮލިސްގެ އިންޓަލިޖެންސްގެ އޮޑިޓެއް ހެދުމަށް. އޭގައި ރަނގަޅުކުރަން ހުރީ ކޮން ކަންތައްތަކެއްތޯއާއި، އަދި މިވަރު ކަމެއް ވެގެންދިޔައިރު އިންޓެލިޖެންސާއި ހިސާބަށް މިކަން ތިލަވެގެން ނައި ސަބަބާއި، ނޭންގުނީ ކީއްވެގެންތޯއާއި މި ހުރިހާ އެއްޗެއް ބަލާފައި، އަޅުގަނޑަށް ގަބޫލުކުރެވުނީ އިންޓެލިޖެންސް މިއަށްވުރެ ވަރުގަދަކުރަންޖެހޭކަމާއި، ސެކިއުރިޓީ ވެސް މިއަށްވުރެ ރަނގަޅަށް އެބަ އޮންނަންޖެހޭކަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދޭން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެ ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެމްޑީޕީގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ބޭފުޅެއްކަމަށާއި ރައީސް ނަޝީދަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއްކަމަށާއި، މިފަދަ ނުރައްކާތެރި ޙަމަލާތަކުން ގައުމު ސަލާމަތްކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ހާއްސަކޮށް އެމްޑީޕީގެ ސަޕޯޓަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ހިތްވަރު ކުރައްވާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނާއި ކުރިމަތިވި މި ކަންތައްތަކުގައި، ދެން މިފަދަ ކަމެއް ވިޔަނުދިނުމަށްޓަކާ އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވި އެވެ. "ރައީސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއް. މިއަދުވެސް ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑަށް އަޅުގަނޑަށް އެކަން ޔަޤީންވެގެންދިޔަ."

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން އެމަނިކުފާނަށް ހަމަލާދިން މައްސަލާގައި ޝައްކުކުރެވޭ ހަތަރު މީހުން އެބަތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން ތިން މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.