ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކުރުމަށްފަހު، ފޯމު ހުށަހެޅުމުގެ ވަގުތު މިރޭ 2:00 އާ ހަމައަށް ހައުސިން މިނިސްޓްރީން އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ކުރިން ކަނޑައަޅާފައި އޮތީ ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މިރޭ 11:59 ކަމަށެވެ. އެހެންނަމަވެސް، ފޯމު ހުށަހަޅާ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ހިދުމަތް ވަނީ މެދުކެނޑިފައެވެ. ހިދުމަތް މެދުކެނޑުނީ އެއްފަހަރާ ގިނަ ބަޔަކު ފޯމު ހުށަހަޅަން އުޅުމުންނެވެ. މި މައްސަލަ ހައްލުކުރުމަށްފަހު، އާންމުންނަށް ފޯމު ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މިރޭ 2:00 އާ ހަމައަށް މުއްދަތު ވަނީ އިތުރުކޮށްފައެވެ.

މި ސްކީމުގެ ދަށުން އެންމެ ފުރަތަމަ ގޯއްޗަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ މާރިޗު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އޮތީ ހުޅުވައިލާފަ އެވެ. އެހެންނަމަވެސް، އެކި ސަބަބުތަކާ ގުޅިގެން ދެތިން ފަހަރެއްގެ މަތިން މިނިސްޓްރީން ވަނީ މި މުއްދަތު އިތުރުކޮށްދީފަ އެވެ. އެންމެ ފަހުން އިތުރުކުރި މުއްދަތު ހަމަވާން އޮތީ މިރޭ 11:59 ގައެވެ.

މި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ 7،900 ފުލެޓާއި، 15،000 ގޯތި ދޫކުރަން ނިންމާފަ އެވެ. ދޫކުރާ ކޮންމެ ގޯއްޗެއްގައި 1،250 އަކަފޫޓު ހުންނާނެ އެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީއަކީ މާލޭ ރަށްވެހިންނަށް ހާއްސަކޮށްފައިވާ ބައެވެ. މި ބަޔަށް ގޯތި ދޫކުރާނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލޭންނެވެ. ދެވަނަ ކެޓަގަރީ ޚާއްސަކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލޭންނެވެ.