އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ އަސްލު ލިޔުން އިޒްރޭލާ ހިއްސާކުރުމަށް އެމެރިކާއިން ދެކޮޅުހަދައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނާއެކު ސޮއިކުރި އެއްބަސްވުން ބަލައިލުމަށް އިޒްރޭލުން އެދުނު އެދުމަށް އެމެރިކާއިން ވަނީ ފުރަގަސްދީފަ އެވެ. އޭބީސީ ނިއުސްއިން ރިޕޯޓްކުރި ގޮތުގައި، އެއްބަސްވުމުގެ މައިގަނޑު ކަންކަމާ ގުޅޭގޮތުން އިޒްރޭލުގެ އޮފިޝަލުންނަށް މައުލޫމާތު ދެވިފައިވީ ނަމަވެސް، އެއްބަސްވުމުގެ ފުރިހަމަ ލިޔުން އެ ގައުމަށް ފޯރުކޮށްދީފައެއް ނުވެއެވެ.
އާދީއްތަ ދުވަހު ޑިޖިޓަލްކޮށް ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުގެ މެދުގައި އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން 60 ދުވަހަށް އިތުރުކޮށް، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް، މި އެއްބަސްވުމުގެ ތަފްސީލީ މައުލޫމާތުތައް އަދިވެސް ވަނީ ސިއްރުކޮށްފަ އެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ހިމެނޭގޮތަށް ސަރުކާރުގެ އިސް އޮފިޝަލުން ދަނީ ޓީވީ މެދުވެރިކޮށް މި އެއްބަސްވުމުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ. ވޭންސް ވިދާޅުވި ގޮތުގައި، މި ޑިޕްލޮމެޓިކް މަސައްކަތުން ހާސިލުވި އެންމެ މުހިންމު ކަމަކީ އެމެރިކާއިން އަލުން އީރާނާއެކު މަޝްވަރާކުރަން ފެށުމެވެ.
2015 ވަނަ އަހަރު ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާއިން ވަނީ އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނަމަވެސް، ފަހުން ޑޮނަލްޑް ޓްރަމްޕް ވަނީ އެއްފަރާތުން އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް "މެކްސިމަމް ޕްރެޝަރު" ކެމްޕޭނުގެ ދަށުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އަންގާރަ ދުވަހު ރައީސް ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުން ކޮންގްރެސްއަށް ފޮނުއްވާނެ ކަމަށާއި އާންމުންނަށްވެސް ހާމަކުރައްވާނެ ކަމަށެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފްރާންސްގައި ބޭއްވި ޖީ-7 ސަމިޓްގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުން ކޮންގްރެސްއަށް ފޮނުއްވުމަށް ކުރިން ނިންމާފައި ނުވި ނަމަވެސް، މިހާރު އެކަން ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެއްބަސްވުމުގައިވާ ކަންކަން އަކުރުން އަކުރަށް ވިދާޅުވެދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލަށް މި އެއްބަސްވުމުގެ ފުރިހަމަ ތަފްސީލު ދީފައިނުވާކަމަށް ފެތުރޭ ހަބަރުތަކާއެކު، ސަރަހައްދީ ގައުމުތަކުގެ މެދުގައި ވަނީ މި އެއްބަސްވުމަކީ އީރާނަށް ފައިދާހުރި، އަދި އެމެރިކާއާއި އިޒްރޭލުން ހާސިލުކުރަން ބޭނުންވި މަގްސަދުތައް ފުރިހަމަނުވާ އެއްބަސްވުމެއް ކަމުގެ ބިރު ހީވެފަ އެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އިޒްރޭލުގެ ފާޑުކިޔުންތަކަށް ރައީސް ޓްރަމްޕް ވަނީ ހަރުކަށި ރައްދުތަކެއް ދެއްވާފަ އެވެ. ގަތަރުގެ އަމީރާއެކު ޖީ-7 ސަމިޓްގައި އިންނަވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެހީތެރިކަން ނެތްނަމަ އިޒްރޭލުގެ ވުޖޫދުގައިވެސް މިއަދު ނޯންނާނެ ކަމަށާއި، އެ ގައުމު ދުނިޔެއިން ފޮހެވިގެން ގޮސްފައިވާނެ ކަމަށެވެ.
އެއްބަސްވުމާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާވާނެ
ވަކިވި އެކުވެރިޔާއަށް ޕޯޗުގަލް ޓީމުގެ ހާއްސަ ޓްރިބިއުޓެއް!