ސިކުނޑީގެ މަސައްކަތްތައް ހަލުވިކުރުމަށާއި، ފޯކަސް އިތުރުކުރުމުގެ އިތުރުން ސްޓްރެސް ކުޑަކުރުމަށްޓަކައި ޒުވާނުންނާއި ހީވާގި މަސައްކަތްތެރިންގެ މެދުގައި އެލް-ޓައިރޮސީން ސަޕްލިމެންޓްތަކަކީ ވަރަށް މަގުބޫލު އެއްޗެކެވެ.

ނަމަވެސް، ދާދި ފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ލޭގައި މި އަމިނޯ އެސިޑް ހުންނަ މިންވަރު މަތިވުމަކީ ފިރިހެނުންގެ އުމުރުން ގާތްގަނޑަކަށް އެއް އަހަރު ކުރުވެގެންދާ ކަމެކެވެ.

"އޭޖިންގް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި، އިނގިރޭސިވިލާތުގެ 270,000 އަށް ވުރެ ގިނަ މީހުންގެ ޖެނެޓިކް އަދި ސިއްހީ މައުލޫމާތު ވަނީ ދިރާސާ ކޮށްފަ އެވެ.

ސައިންސްވެރިން ބެލި ބެލުމުން އެނގުނު ގޮތުގައި، ޖެނެޓިކްސްގެ ސަބަބުން ލޭގައި ޓައިރޮސީންގެ މިންވަރު މަތީގައި ހުންނަ ފިރިހެނުން، އާދައިގެ މީހުންނަށް ވުރެ އެވްރެޖްކޮށް 0.9 އަހަރު އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑެވެ.

ހައިރާންވާންޖެހޭ ކަމަކީ، މި ނޭދެވޭ އަސަރު އަންހެނުންގެ ހަށިގަނޑުން ފާހަގަ ވެފައި ނުވާ ކަމެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ފިރިހެނުންގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން ވެސް ޓައިރޮސީން ހުންނަ މިންވަރު އަންހެނުންނަށް ވުރެ މައްޗެވެ. މިއީ އާންމުކޮށް އަންހެނުންނަށް ވުރެ ފިރިހެނުންގެ އުމުރު ކުރުވާން ދިމާވާ އެއް ސަބަބަށް ވުން ވެސް އެކަށީގެންވެ އެވެ.

ޓައިރޮސީން އަކީ ކޮބާ؟ އަދި އެއިން އުމުރު ކުރުވަނީ ކީއްވެ؟

ޓައިރޮސީން އަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ކެމިކަލްތަކެއް ކަމަށްވާ ޑޯޕަމީން އަދި އެޑްރެނަލިން އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މިއީ މީހާގެ މޫޑާއި، ސަމާލުކަމާއި، ހަނދާން ވަރުގަދަ ކޮށްދޭ މާއްދާތަކެކެވެ.

މި މާއްދާ ގިނަވުމުން އުމުރު ކުރުވާން ދިމާވާ ސަބަބާ ބެހޭ ގޮތުން ސައިންސްވެރިން ދެނީ ދެ ފިކުރެއް:

  1. އިންސިއުލިން ރެސިސްޓެންސް: މީގެ ކުރީގެ ދިރާސާތަކުން ދައްކާ ގޮތުގައި ލޭގައި ޓައިރޮސީން ގިނަވުމުން ހަށިގަނޑުގެ ސެލްތަކަށް އިންސިއުލިން ބޭނުންކުރަން އުނދަގޫވޭ. މިއީ ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއް.
  2. ސްޓްރެސް ހޯމޯންތައް މަތިވުން: ޓައިރޮސީންގެ ސަބަބުން އެޑްރެނަލިން ފަދަ ސްޓްރެސް ހޯމޯންތައް އިތުރުވެ، ފިރިހެނުންގެ ހަށިގަނޑުގައި ހުންނަ ޓެސްޓޮސްޓެރޯންއާ އެކުވެގެން މުސްކުޅިވުމުގެ މަރުހަލާ އަވަސްކޮށްދޭ.

ސަޕްލިމެންޓް ބޭނުންކުރާ މީހުން ސަމާލުވާން ޖެހޭ ކަންކަން

މި ދިރާސާއަކީ ސީދާ ސަޕްލިމެންޓް ކެއުމުން ދިމާވާ ގޮތް ބެލި ދިރާސާއެއް ނޫނެވެ. މިއީ އިންސާނާގެ ލޭގައި ގުދުރަތީ ގޮތުން މި މާއްދާ ހުންނަ މިންވަރަށް ބަލާފައިވާ ދިރާސާއެކެވެ. އެހެންކަމުން، މީގެ މާނައަކީ ޓައިރޮސީން އެކުލެވޭ ކާނާ (މަސް، ބިސް، ކިރު، ބީންސް ފަދަ ޕްރޮޓީން ގިނަ ކާނާ) ކެއުން ހުއްޓާލުމެއް ނޫނެވެ.

ނަމަވެސް، ވިސްނުން ތޫނު ކުރުމުގެ ނަމުގައި ބާޒާރުން ގަންނަން ލިބޭ ބާރުގަދަ އެލް - ޓައިރޮސިން ސަޕްލިމެންޓްތަކާއި، ބައެއް ކަހަލަ އެނާޖީ ޑްރިންކްތައް ބޭނުންކުރުމުގައި ފިރިހެނުން ހާއްސަކޮށް ސަމާލުވާން ޖެހެ އެވެ.

ޑޮކްޓަރެއްގެ އިރުޝާދެއް ނެތި މިފަދަ ސަޕްލިމެންޓްތައް ދިގު މުއްދަތަކަށް ބޭނުންކުރުމަކީ ހަށިގަނޑަށް ފައިދާއަށް ވުރެ ބޮޑަށް ގެއްލުން ލިބިދާނެ ކަމެއްކަން ސައިންސްވެރިން މިހާރު މިވަނީ ހާމަކޮށްފަ އެވެ.