ހޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑުގެ ގޮތުގައި މަގުބޫލުވި ޖެނިފާ ލޮޕޭޒް އަދި ބެން އެފްލެކްގެ ކައިވެނި ރޫޅުމަކީ މުޅި ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ހުއްޓުނު ބޮޑު ހަބަރެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖޭލޯ ވަނީ ވަރި ވުމަށްފަހު އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލު ތަކާއި، ނަފްސާނީ ގޮތުން ވާންޖެހުނު ގުރުބާނީތަކުގެ މައްޗަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަ ކަދައްކާފަ އެވެ.

އޭނާ ބުނިގޮތުގައި، ކައިވެނި ރޫޅުމުން ކުރިމަތިވި ހިތާމަތަކާއެކު އަމިއްލަ މިއުޒިކް ޓުއާ ކެންސަލްކޮށް، އެހެން ހުރިހާ ކަމަކުން ދުރުވެ "އަމިއްލަ ނަފްސަށް ޖަވާބުދާރީވާން" އޭނާއަށް މަޖުބޫރުވި އެވެ.

އިންޓަވިއުގައި ވާހަކަދައްކަމުން ޖެނިފާ ލޮޕޭޒް ބުނީ، ވަރިވުމަށްފަހު ގޭގައި އެކަނި އިނދެ އަމިއްލަ ނަފްސާ ވަރަށް ހަރުކަށި ސުވާލުތަކެއް ކުރަން ޖެހުނު ކަމަށެވެ.

"އަހަރެންގެ ފަހު ވަރިއަށްފަހު، އަހަރެން ހަމައެކަނި ގޭގައި އިނީ. އަހަރެންގެ ޓުއާވެސް ކެންސަލް ކުރިން. އަދި ދިރިއުޅުމުގެ ކަންކަމާ މެދު އަމިއްލަ ނަފްސާ ސުވާލު ކުރިން. އެހެން މީހުންނަށް ތުހުމަތު ނުކޮށް އަމިއްލަ ނަފްސު ފިޔަވައި ކުށްވެރި ކުރަން ޖެހޭ އިތުރު މީހަކު ނެތް ކަމަށް ސިކުނޑިއަށް ވިސްނައިދިނިން" ޖޭލޯ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނިގޮތުގައި، މީގެ މާނައަކީ ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި އެހެން މީހުންގެ ގޯސް އަމަލުތަކެއް ނެތުމެއް ނޫނެވެ. ނަމަވެސް، އަމިއްލަ ނަފްސަށް ވަމުންދާ ގޮތް ބަލައި، ތިމާގެ އަމިއްލަ ޕެޓާންތަކާއި ނިންމުންތައް މުރާޖައާ ކުރުމަކީ މިއަދު އޭނާގެ ދިރިއުޅުމުގެ އެންމެ ބޮޑު "ޓާނިންގް ޕޮއިންޓް" އެވެ.

ލޮޕޭޒް ސިފަކުރި ގޮތުގައި ބެން އެފްލެކްއާ ވަކިވި ފަހުން ވޭތުވެދިޔަ ދެ އަހަރަކީ އޭނާގެ ހިތްދަތި ކަމުން އަރައިގަނެ، އަމިއްލަ ނަފްސު ދަސްކުރަން ލިބުނު "ހީލިންގް" ދަތުރެކެވެ.

"މިއަދު އަހަރެން މިއީ މީގެ ދެ އަހަރު ކުރިއާ އަޅާބަލާއިރު މުޅިން ތަފާތު މީހެއް. އެއީ ހައިރާންވާހާ ބޮޑު ބަދަލެއް،" ޖޭލޯ ބުންޏެވެ.

އޭނާ ބުނީ އެހެން ކަންކަމުން ނުވަތަ އެހެން މީހުންގެ ކިބައިން ލޯބި ހޯދަން މަސައްކަތް ކުރުން މިހާރު ހުއްޓާލައިފި ކަމަށާއި، އެންމެ ފުރަތަމަ އަމިއްލަ ނަފްސަށް ލޯބިދޭން ދަސްވެއްޖެ ކަމަށެވެ.

ޖޭލޯ އަދި ބެންއަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެންގޭޖްވެ، 2004 ގައި ވަކިވި ޖޯޑެކެވެ. ނަމަވެސް 20 އަހަރުގެ ދިގު މުއްދަތަކަށްފަހު 2021 ވަނަ އަހަރު އަލުން ގުޅި 2022 ގައި ކައިވެނި ކުރި އެވެ.

މި ދެވަނަ ފުރުސަތަށް ގިނަ ބައެއްގެ އުންމީދުތައް ހުއްޓިފައި ވަނިކޮށް، ދެ އަހަރުގެ ކައިވެންޏަށްފަހު 2024 އޮގަސްޓްގައި ޖެނިފާ ވަނީ ވަރިވާން ކޯޓަށް ހުށަހަޅާފަ އެވެ. އެ ކައިވެނި ގާނޫނީ ގޮތުން މުޅިން ރޫޅުނީ 2025 ގެ ކުރީކޮޅުގަ އެވެ.

މިހާރު އެކަނިވެރި ދިރިއުޅުމަކަށް ހޭނިފައިވާ ޖޭލޯ ބުނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އަންނަން އޮތް ދުވަސް ތަކުގައި އަމިއްލަ އުފާވެރި ކަމަށާއި ދަރިންނަށް ވަގުތުދީ، ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.