އޭޝިއާ އަދި ދެކުނު ޕެސިފިކް ސަރަހައްދުގައި ހަލުވިކަމާއެކު ސައިބާ ކުށްތައް އިތުރުވަމުންދާކަމުގެ އިންޒާރު ބައިނަލްއަޤްވާމީ ފުލުހުންގެ އިދާރާ، އިންޓަޕޯލްއިން ދީފިއެވެ. އިންޓަޕޯލްއިން ދާދިފަހުން ނެރުނު "އޭޝިއާ އެންޑް ސައުތު ޕެސިފިކް ސައިބާ ތުރެޓް އެސެސްމަންޓް ރިޕޯޓް" އިން ދައްކާގޮތުގައި، މި ސަރަހައްދުގެ ގައުމުތަކުގައި ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވުމާއި، ކުށްކުރާ ނެޓްވޯކްތައް ވަރުގަދަވުމުގެ ސަބަބުން ސައިބާ ނުރައްކާތައް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.
އިންޓަޕޯލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިރާސާ ކުރެވުނު ޤައުމުތަކުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޤައުމުތަކުގައި ރިޕޯޓްކުރެވޭ ޖުމްލަ ކުށްތަކުގެ 30 އިންސައްތައަކީ ސައިބާ ކުށްތަކެވެ. މީގެ ތެރެއިންވެސް 'ފިޝިން' ފަދަ އޮޅުވާލައިގެން މައުލޫމާތާއި ފައިސާ ހޯދުމުގެ އަމަލުތަކަކީ އެންމެ އާންމު އަދި އެންމެ ބޮޑު މާލީ ގެއްލުމެއް ލިބޭ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.
މި ރިޕޯޓުން ހާމަވި އިތުރު މުހިންމު ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި ޑީ.ޑީ.އޯ.އެސް ހަމަލާތައް ކުރީ އަހަރާ އަޅާބަލާއިރު 92 އިންސައްތަ އިތުރުވެފައިވެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ 'ޑީޕްފޭކް' ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރުމުގެ ޝައުޤުވެރިކަން ކުށްވެރިންގެ މެދުގައި 600 އިންސައްތައަށް ވަނީ އިތުރުވެފަ އެވެ.
މީގެ އިތުރުން، މި ސަރަހައްދުގެ މީހުން ފިޝިން ލިންކްތަކަށް ނޭނގި ކްލިކްކުރާ މިންވަރު ދުނިޔޭގެ އެވްރެޖަށްވުރެ ދެގުނަ އިތުރުކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ރެންސަމްވެއާ ބޭނުންކޮށްގެން ސިސްޓަމްތައް ހައިޖެކްކުރުމުގެ 135,000 އަށްވުރެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވާއިރު، މީގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާލީ އިދާރާތަކަށާއި އުފެއްދުންތެރިކަމުގެ ދާއިރާގެ ކުންފުނިތަކަށެވެ.
އިންޓަޕޯލްއިން ވަނީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށާއި، ސައިބާ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް ހުރިހާ ގައުމުތަކަށް އިލްތިމާސްކޮށްފަ އެވެ.
އޮޅުވާލައިގެން މުސާރަ ނެގި މައްސަލަ އޭސީސީން ބަލަނީ
މައިންބަފައިން ކާމޭޒު ދޮށުގައި މާ ގިނައިން ފޯނު ބޭނުންކުރޭ!
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް