ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާ މެދުވެރިކޮށް ލިބެންޖެހޭ ފައިސާ ޖަމާވުން ލަސްވާތީވެ، އެކަން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ބަލައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލާ އަށް އެޑްރެސް ކުރައްވައި މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީއެއްގައި ފާހަގަކުރައްވާފައި ވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެންސްޕާ މެދުވެރިކޮށް ދޭންޖެހޭ މާލީ އެހީތެރިކަން ކަނޑައެޅިފައިވާ ތާރީހުތަކަށް ބަރާބަރަށް ލިބެމުން ނުދާ މައްސަލަ ދާދިފަހުން ވަރަށް ބޮޑަށް ބޮޑުވެފައިވާ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން މި އިނާޔަތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭސްފަރުވާއަށާއި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި އެ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކުން ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށް ވާއިރު، ފައިސާ ލިބުން ލަސްވުމުގެ ސަބަބުން އެތައް އާއިލާއަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ނުހަނު ބޮޑެތި ތަކްލީފުތަކާ ކުރިމަތިލާން ޖެހެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުލަތުން މާލީ އެހީ ފޯރުކޮށްދިނުން ލާޒިމްކުރާއިރު، މި ނިޒާމު ހަރުދަނާކުރުމަކީ ދައުލަތުގެ އިޖުތިމާއީ ޒިންމާއެއް ކަމަށް ވަނީ ބުނެފަ އެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން މި މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅައިގެން އެންސްޕާ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި ކޮންމެ މަހެއްގެ ވެސް ކަނޑައެޅޭ ވަކި ހާއްސަ ސުންގަޑިއެއްގެ ކުރިން މި ފައިސާ އެމީހުންގެ އެކައުންޓްތަކަށް ބަރާބަރަށް ޖަމާވާނެ ފަދަ އިތުބާރު ހުރި ނިޒާމެއް ސަރުކާރުން ގާއިމުކުރާކަން ކަށަވަރުކުރުމަށް މަޖިލީހުގެ ފަރާތުން ބާރުއަޅައި ދިނުމަށް ވެސް މެންބަރުގެ ސިޓީގައި ވަނީ ނުހަނު ބޮޑަށް އެދިވަޑައިގެންފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން އެންސްޕާ އިން ކުރިއަށް ގެންދާ 'މެޑިކަލް ވެލްފެއާ ސްކީމް' ގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް މިހާރު ވަނީ އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ވެސް ކޮށްފަ އެވެ.