ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނުގެ މަޝްވަރާ ވަފުދުން ސުވިޒަލޭންޑަށް ކުރަން އޮތް ދަތުރު މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އީރާނުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ދަތުރަކީ 60 ދުވަހުގެ މަޝްވަރާގެ މަރުހަލާގެ ފުރަތަމަ ބުރުގައި ބައިވެރިވުމަށް ކުރަން ރާވާފައި އޮތް ދަތުރެކެވެ. ނަމަވެސް މަސްރަހަށް އައި ބަދަލުތަކާއެކު ދަތުރު ފަސްކުރަން މިހާރު ވަނީ ނިންމާފަ އެވެ.

އީރާނުން އެމެރިކާއަށާއި މެދުވެރިންނަށް އަންގާފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށް ގެންދިއުމާއި ނުވަތަ މެދުކަނޑާލުމުގައި ލުބުނާނުގެ މަސްރަހަކީ އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކަމެވެ. މީގެ އިތުރުން، އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަކީ މަޝްވަރާގެ އޮނިގަނޑާއި އިބްތިދާއީ އެއްބަސްވުމުގެ ފުރަތަމަ މާއްދާއާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް ތެހެރާނުން ވަނީ އިންޒާރު ދީފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނާއެކު އާ މަޝްވަރާތަކެއް ފެށުމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ސުވިޒަލޭންޑަށް ކުރައްވަން އޮތް ދަތުރުފުޅު ލަސްކޮށްފައިވާ ކަމަށް ވައިޓް ހައުސް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެމެރިކާ އަދި އިޒްރޭލުގެ ބައެއް އިސް އޮފިޝަލުންގެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، ވެންސް ވަނީ މި އެއްބަސްވުމުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އަދި ވޮޝިންޓަނާއި ތެހެރާނާ ދެމެދު 60 ދުވަހުގެ މަޝްވަރާގެ މަރުހަލާ މިހާރު ފެށިފައިވާކަން އޭނާ ކުރިން ވަނީ އިއުލާން ކުރައްވާފަ އެވެ.

މީގެ އިތުރުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެސްފަ އެވެ. ހަމައެއާއެކު، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ހުއްދަ ދޫކުރުމުގެ މަސްއޫލިއްޔަތު އީރާނުގެ "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" އާ ހަވާލުކޮށްފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ދާއިމީ އެއްބަސްވުމަށް އައުމަށް މަސައްކަތް ކުރަމުންދާއިރު، އިޒްރޭލުން ދަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ލުބުނާނުގެ ގައުމީ ނޫސް އިދާރާއިން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.