"ޖަބް ވީ މެޓް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އިމްތިއާޒު އަލީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި މުޖުތަމައުގައި އަންހެނުންގެ މިނިވަންކަމާއި ހެދުން އެޅުމުގެ ސަގާފަތާ ބެހޭގޮތުން އޭނާ ދެކޭގޮތް ހާމަކޮށްފި އެވެ.

އޭނާ ބުނި ގޮތުގައި، ބުރުގާ ނުވަތަ ނިގާބު އެޅުމުން ހިތްހަމަޖެހުން ލިބޭ ކަމަށް ބުނާ އަންހެނުންނަކީ، ނޭނގި ނަމަވެސް ފިރިހެންވެރިކަމުގެ ނުފޫޒުގެ ދަށުން ވިސްނުން ބަދަ ލުވެފައިވާ ބައެކެވެ.

އިމްތިއާޒު އަލީ ބުނީ، ވަކި ކަހަލަ ހެދުމެއް އެޅުމަށް އަންހެނުންނަށް މަޖުބޫރުކުރާ ނިޒާމެއްގެ ތެރޭގައި ގިނަ ދުވަސް ވުމުން، އެ ނިޒާމަކީ ތިމާ އަމިއްލައަށް ބޭނުން ވެގެން އުޅޭ އުޅުމެއް ކަމަށް ގަބޫލު ކުރަން ފަށާ ކަމަށެވެ.

"އަންހެނުން ބުނާތީ އަޑުއިވޭ ބުރުގާ ނުވަތަ ފަރުދާގެ ތެރޭގައި އެމީހުން ތިބެނީ ވަރަށް 'ކޮމްފަޓަބަލް' (ހިތްހަމަޖެހިގެން) ކަމަށް. އަހަރެން ބުނާނީ އެއީ ހަގީގީ ހިތްހަމަޖެހުމެއް ނޫނޭ. އެއީ ފިރިހެނުންގެ ބާރުވެރިކަން ދައްކަން ހަދާފައިވާ ނިޒާމެއްގެ ތެރެއަށް ތިމާ ފެތި، އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުން،" އިމްތިއާޒު ބުންޏެވެ.

އިމްތިއާޒު އަލީގެ މި ވާހަކަތަކަކީ އޭނާގެ ކުރިއަށް އޮތް އައު ފިލްމު ނުވަތަ ސީރީޒް "މޭން ވާޕަސް އައުންގާ"ގެ މައުލޫއާ ގުޅުންހުރި ވާހަކަތަކެއް ކަމަށް ބެލެވެ އެވެ.

ސަބަބަކީ މި އުފެއްދުމަކީ މުޖުތަމައުގައި ހުންނަ މިފަދަ ހަރުކަށި އާދަކާދަތަކާއި، އިންސާނީ މިނިވަންކަމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ އުފެއްދުމަކަށް ވުމެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި، ކޮންމެ އިންސާނަކަށްމެ ޖިސްމާނީ އަދި ނަފްސާނީ މިނިވަންކަން ލިބެން ޖެހޭނެ އެވެ. އަދި ވަކި ގޮތަކަށް ނިވާވެގެން އުޅުމަކީ ރައްކާތެރިކަން ކަމަށް ވިސްނައިދީފައި އޮންނަ އޮތުމަކީ، ހަގީގަތުގައި އަންހެނުންގެ ކުރިއެރުމަށް އެޅޭ ހުރަހެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އިމްތިއާޒު އަލީގެ މި ބަޔާނާއެކު އިންޑިއާގެ ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް ފެށިފަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އިމްތިއާޒު އެ ދެއްކީ ހަގީގީ ވާހަކަ އެކެވެ. މުޖުތަމައުގެ ފިއްތުންތަކުގެ ސަބަބުން އަންހެނުންނަށް އެއީ އަމިއްލަ އިހްތިޔާރު ކަމަށް ހީވަނީ އެވެ.

އެ ވާހަކަތަކަށް ދެކޮޅުހެދި ގިނަ އަދަދެއްގެ މުސްލިމް އަންހެނުންނާއި ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ ބުރުގާ އެޅުމަކީ އެމީހުންގެ ދީނީ އަދި އަމިއްލަ މިނިވަންކަމެއް ކަމަށާއި، ފިރިހެނަކު އައިސް އަންހެނުން ހިތްހަމަ ޖެހޭނެ ގޮތް ކަނޑައަޅަން ނުޖެހޭނެ ކަމަށެވެ.

ކޮންމެއަކަސް، އިމްތިއާޒު އަލީގެ މި ހޫނު ވާހަކަތަކާއެކު، އޭނާގެ ކުރިއަށް އޮތް ފިލްމީ މަސައްކަތްތަކަށް ބެލުންތެރިންގެ ޝައުގުވެރިކަން މިވަނީ އިތުރުވެފައެވެ.