ގަތަރު ސަރުކާރުން އެމެރިކާއަށް ހަދިޔާކުރި، އާ މަރުކާގެ "އެއާ ފޯސް ވަން"ގެ ގޮތުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބޯއިން 8- 747 މަރުކާގެ މަތިންދާބޯޓު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާލައިފި އެވެ.

ޖޫން 19 ވަނަ ދުވަހު ޖޮއިންޓް ބޭސް އެންޑްރޫސްގެ ހޭންގަރެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ގަތަރު ސަރުކާރުން ހަދިޔާކުރި މި ބޯޓަކީ ކުރިން ބޭނުންކުރި މޮޑެލްއަށް ވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު ބޯޓެއް ކަމަށެވެ.

"ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބައެއްގެ ބުރަ މަސައްކަތުން، މި ބޯޓު މިވަނީ މީގެ ކުރިން ދުވަހަކު ވެސް ފެނިފައި ނުވާ ފަދަ ލަގްޒަރީ ފެންވަރަކަށް، 'އުދުހޭ ވައިޓް ހައުސް' އެއްގެ ގޮތުގައި ބަދަލުކޮށްފައި،" ބޯޓުގެ ކުރިމަތީގައި ހުންނަވައި ޓްރަމްޕް ވިދާޅުވި އެވެ.

ގަތަރުން ހަދިޔާކުރި ލަގްޒަރީ ޖެޓް، އެމެރިކާގެ އާ "އެއާ ފޯސް ވަން" --- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ އެއާ ފޯސް އިން "VC-25B ބްރިޖް އެއާކްރާފްޓް" ގެ ނަމުން ނަންދީފައިވާ މި ބޯޓަކީ، ސަރުކާރުގެ ބޭނުންތަކަށް އެކަށީގެންވާ ގޮތަށް ބަދަލުތައް ގެނައުމަށްފަހު، ރަސްމީ ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ ބޯޓެކެވެ. މިއީ 2028 ވަނަ އަހަރު ލިބޭނެ ކަމަށް ބެލެވޭ އާ ބޯޓުތައް ލިބެންދެން ވަގުތީ ގޮތުން ބޭނުންކުރާނެ ބޯޓެކެވެ.

މި ބޯޓުގައި ބޭނުންކޮށްފައިވަނީ ހުދު، މެރޫން އަދި ގަދަ ނޫކުލަ އެވެ. މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އެއާ ފޯސް ވަން ބޯޓުތަކުން ފެނިގެންދިޔަ މަޑު ނޫކުލައާ ވަރަށް ތަފާތު ފަރުމާއެކެވެ.

މި ބޯޓަކީ ގަތަރު ސަރުކާރުގެ ހަދިޔާއަކަށް ވުމުން، ޓްރަމްޕްގެ ދެވަނަ ދައުރުގެ ކުރީކޮޅު ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ހާއްސަކޮށް ބޭރު ގައުމެއްގެ ނުފޫޒާއި، ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ނަމަވެސް ޓްރަމްޕް ވަނީ ގަތަރުގެ އަމީރަކީ ވަރަށް މޮޅު ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެމެރިކާގެ އެއާ ފޯސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯޓަކީ ސަލާމަތީ ގޮތުން ފުރިހަމަ، އަދި ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހަރުކުރެވިފައިވާ ބޯޓެއް ކަމަށެވެ. އަދި ބޯޓުގެ އެތެރޭގެ ފަރުމާއަށް މާބޮޑު ބަދަލެއް ނުގެނެސް، އިސްކަންދީފައި ވަނީ ސަލާމަތީ އަދި މުއާސަލާތީ ކަންކަމަށް ކަމަށް ވެސް އެއާ ފޯސް އިން ބުނެފައިވެ އެވެ.

އެއާ ފޯސްގެ ސެކްރެޓަރީ ޓްރޯއީ މައިންކް 2025 ވަނަ އަހަރު ވިދާޅުވި ގޮތުގައި، ގަތަރުން ހަދިޔާކުރި މި ބޯޓު މަރާމާތުކޮށް ބަދަލުތައް ގެނައުމަށް ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ.

އެއާ ފޯސް ވަން އަކީ އެމެރިކާގެ ރިޔާސަތުގެ އެންމެ މުހިންމު އެއް ރަމްޒެވެ. ރައީސް ބޯޓުގައި އިންނަވާ ކޮންމެ ވަގުތަކު، އެ ބޯޓަކަށް "އެއާ ފޯސް ވަން" ގެ ނަމުން މުހާތަބު ކުރެވެ އެވެ.

ކުރިން ބޭނުންކުރަމުން އައި، ނަންބަރު 29000 ބޯޓު މިދިޔަ ހަފުތާގައި ޓްރަމްޕް ޖީ-7 ސަމިޓުން އެނބުރި ވަޑައިގަތުމަށް ކުރެއްވި ދަތުރަކީ އެ ބޯޓުގެ އެންމެ ފަހު ބައިނަލްއަގުވާމީ ދަތުރެވެ. 1990 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އައި މި ބޯޓަކީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު، އޭރުގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ވެސް ދަތުރުކުރެއްވި ބޯޓެވެ.

މި އަހަރުގެ ކުރީކޮޅު، ޑާވޯސްއަށް ކުރެއްވި ދަތުރުފުޅުގައި ކުރީގެ ބޯޓަށް ދިމާވި ކަރަންޓު މައްސަލައަކާ ގުޅިގެން ދަތުރު މެދުކަނޑާލަން ޖެހުނެވެ. މިއީ ބޯޓު ބާވެފައިވާ ކަމުގެ ހެއްކެއް ކަމަށް ޓްރަމްޕް ވަނީ ފާހަގަކުރައްވާފަ އެވެ. އާ ބޯޓު ބޭނުންކުރަން ފެށުމާއެކު، ބާ ބޯޓު ދާރުލްއާސާރަކަށް ފޮނުވާލުމަށް ވިސްނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.