ޕަންޖާބީ މިއުޒިކް މުޅި ދުނިޔެއަށް މަޝްހޫރުކޮށް، ދެކުނު އޭޝިއާގެ ސަގާފަތް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެމެރިކާގެ ލޮސް އެންޖެލިސް ސިޓީ ކައުންސިލުން ޖެނުއަރީ ހަވަނަ ދުވަހަކީ "ދިލްޖީތު ދޮސާންޖް ޑޭ" ގެ ގޮތުގައި ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ސިޓީ ކައުންސިލުން ފާސްކުރި މި ގަރާރުގެ ދަށުން، 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން މި ދުވަސް އެ ސިޓީގައި ފާހަގަ ކުރާނެ އެވެ. މި ތާރީހަކީ ދިލްޖީތުގެ 43 ވަނަ އުފަން ދުވަހާ ވެސް ދިމާވާ ދުވަހެވެ.

ލޮސް އެންޖެލިސްގެ ސިޓީ ކައުންސިލްގެ މެންބަރު މޮނިކާ ރޮޑްރިގޭޒް އިސްވެ ހުށަހެޅުއްވި މި ގަރާރު ދިލްޖީތާ ހަވާލުކުރީ އޭނާ މިހާރު އެމެރިކާގައި ކުރިއަށް ގެންދާ "އައުރާ ވޯލްޑް ޓުއާ"ގެ ތެރެއިންނެވެ.

ގްރެމީ އެވޯޑްސް ވެސް ބާއްވާ މަޝްހޫރު 'ކްރިޕްޓޯ.ކޮމް އެރީނާ'ގައި އޭނާ ބޭއްވި ކޮންސެޓަށްފަހު، މި ލިޔުން ހަވާލުކުރި ވަގުތު ދިލްޖީތު ހުރީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.

އަމިއްލަ ސޯޝަލް މީޑިއާގައި މި އުފާވެރި ހަބަރު ހިއްސާ ކުރަމުން، ހުދު ކުރުތާއަކާއި ޕަންޖާބީ ފަގުޑިއެއް އަޅައިގެން ހުރި ދިލްޖީތު ބުނީ، މިއީ ހުވަފެނެއް ކަހަލަ ކަމެއް ކަމަށާއި، މިފަދަ ބޮޑު ޝަރަފެއް ލިބުމުން ބުނާނެ އެއްޗެއްވެސް ނޭނގޭ ކަމަށެވެ.

މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން، ދިލްޖީތަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނުވަތަ އެކްޓަރެއް ނޫނެވެ. އޭނާއަކީ ދެކުނު އޭޝިއާގެ، ޚާއްސަކޮށް ޕަންޖާބީ ސަގާފަތާއި މިއުޒިކް ހުޅަނގުގެ މައިގަނޑު މުނިފޫހިފިލުވުމުގެ ދާއިރާގެ ތެރެއަށް ވައްދައިދިން އެންމެ ވަރުގަދަ އެއް އެމްބެސެޑަރެވެ.

މީގެ ކުރިން 2023 ވަނަ އަހަރު މަޝްހޫރު 'ކޮޗެއްލާ') މިއުޒިކް ފެސްޓިވަލްގައި ހުށައެޅި ފުރަތަމަ ޕަންޖާބީ އާޓިސްޓުގެ ޝަރަފުވެސް ހޯދާފައިވަނީ ދިލްޖީތެވެ.

އޭގެ ފަހުން ޖިމީ ފެލަންގެ 'ދަ ޓުނައިޓް ޝޯ' ގައި ލަވަ ކިޔުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އޭނާގެ ކޮންސެޓްތަކުގެ ޓިކެޓްތައް ރެކޯޑު ދުވެއްޔެއްގައި ހުސްވަމުން ދިއުމަކީ އޭނާގެ މަގުބޫލުކަން ހުރި މިންވަރު ހާމަ ކޮށްދޭ ކަމެކެވެ.

މި ފަހަކަށް އައިސް އިންޑިއާގެ ރައްވެހިކަން ދޫކޮށް އެމެރިކާގެ ޕާސްޕޯޓު ނެގި މައްސަލައިގައާއި، ބައެއް ލަވަތަކުގެ ލިރިކްސްގެ ސަބަބުން ދިލްޖީތަށް ބައެއް ފާޑުކިޔުންތައް ކުރިމަތިވި ނަމަވެސް، ލޮސް އެންޖެލިސް ސިޓީން ދިން މި ބޮޑު ޝަރަފާއެކު އޭނާގެ ކާމިޔާބީގެ ސޮފްހާގައި ވަނީ ރަން އަކުރުން ފަވާލެވޭނެ އާ ކުރިއެރުމެއް ހޯދާފަ އެވެ.

ސިޓީއަކުން ފަންނާނެއްގެ ނަމުގައި މިފަދަ ދުވަހެއް ކަނޑައެޅުމަކީ އެ ސިޓީއެއްގައި ބޮޑެތި މިއުޒިކް ހަރަކާތްތަކާއި އާންމު އުފާ ފާޅު ކުރުންތައް ބޭއްވުމަށް މަގުފަހި ވެގެންދާނެ ކަމެކެވެ.