ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި 58،505 ފޯމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ފަށައިފި އެވެ.
މާލެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 15 ވަނަ ދުވަހު ހަމަވިއިރު، ޖުމްލަ 58,505 ފޯމު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ. މި ފޯމުތަކުގައިވާ މައުލޫމާތުތަކުގެ ސައްހަކަން ދައުލަތުގެ އެކި އިދާރާތަކުގައި ހުރި ރެކޯޑުތަކާ އަޅައިކިޔައިގެން މިނިސްޓްރީން މިހާރު ދަނީ ކަށަވަރުކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ހާއްސަ 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ ފަރާތްތަކަށް 1,500 ފްލެޓާއި، އެހެނިހެން ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ހިމެނެ އެވެ. މީގެ އިތުރުން ރަސްމާލެއިން 25,000 ގޯތި ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި އެ ތަނުން 15,000 ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ކްރޮސް ވެރިފިކޭޝަންގެ މަސައްކަތްތައް ފަށާފައިވީ ނަމަވެސް، މި މަސައްކަތް އެއްކޮށް ނިންމާލެވޭނޭ ސީދާ ދުވަހެއް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"
"ބޮޑު ބަދަލު" އޮފީސް އުފައްދައިފި
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ
