މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޮޕޭޒް (ޖޭލޯ) އޭނާގެ އާ ރޮމެންޓިކް ކޮމެޑީ ފިލްމު ޕްރޮމޯޓްކުރުމުގެ ބުރަ މަސައްކަތްތަކަށްފަހު، ރަހަ ބަދަލު ކޮށްލުމުގެ ގޮތުން ކޮންސެޓަކުން ފެނިގެން ގޮސްފި އެވެ.

އޭނާ ފެނިގެންދިޔައީ ކެލިފޯނިއާގެ އިންގްލްވުޑްގައި ހުންނަ ކިއާ ފޯރަމްގައި ބޭއްވި އަރިއާނާ ގްރާންޑޭގެ "އިޓާނަލް ސަންޝައިން" ޓުއާގެ ކޮންސެޓަކުންނެވެ.

މި ކޮންސެޓަށް ޖޭލޯ ގޮސްފައިވަނީ އޭނާގެ ދަރިފުޅު އޮސްކާއާއި ދޮން ދަރިފުޅު ފިންއާއެކުގަ އެވެ. ކޮންސެޓްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ތިން މީހުންވެސް ތިބީ ވަރަށް އުފާވެފަ އެވެ.

އޮސްކާ އާއި ފިން ލަވައިގެ ކޮޅުތައް ކިޔަމުން، އެކަކު އަނެކަކާ ސަމާސާކޮށް ހެމުން ދިޔައިރު، ޖޭލޯވެސް އަރިއާނާގެ ހުށަހެޅުންތަކަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައި އިންކަން ފާހަގަ ކުރެވެ އެވެ.

ޖެނިފާ ލޮޕޭޒްގެ އޮސްކާއަކީ އޭނާގެ ކުރީގެ ފިރިމީހާ މާކް އެންތަނީއަށް ލިބިފައިވާ އެއްމާބަނޑު ދެކުދިންގެ ތެރެއިން ކުއްޖެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އޮސްކާ ދާދި ފަހުން ވަނީ އޭނާގެ ނަން ބަދަލު ކޮށްފަ އެވެ.

އަނެއްކޮޅުން، ބެން އެފްލެކްގެ ކުރީގެ އަނބިމީހާ ޖެނިފާ ގާނާގެ ބަނޑުން ލިބުނު ސެރަފީނާވެސް ވަނީ މީގެ ކުރިން އޭނާގެ ނަން 'ފިން'ގެ ނަމަށް ބަދަލު ކޮށްފަ އެވެ.

ބެން އެފްލެކް އާއި ޖެނިފާ ލޮޕޭޒްގެ ކައިވެނި ރޫޅިފައިވީ ނަމަވެސް ދެމީހުންގެ މެދުގައި އޮތް ގުޅުން އަދިވެސް ކުދިންނަށްޓަކައި ބާއްވަމުން އަންނަކަން މި ކަމުން އެނގެ އެވެ.

ބެން ވެސް ވަނީ މީގެ ކުރިން އިންޓަވިއުއެއްގައި ޖޭލޯއަކީ އޭނާގެ ކުދިންނަށް ވަރަށް ހެޔޮލަފާ އަދި ކުދިންނާ ގާތް ގުޅުމެއް ބާއްވާ މީހެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.