މާދަމާއިން ފެށިގެން ތިން ދުވަހަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ނިންމުމަކީ އަލަށް އުފެއްދި "ސްޓޭޓް ފާމާ" ކުންފުންޏާ ބޭސްފިހާރަތައް ހަވާލުކުރުމުގެ ބޮޑު ބަދަލަށް ތައްޔާރުވުމުގެ ގޮތުން ނިންމި ނިންމުމެކެވެ.

އެސްޓީއޯއިން ބުނީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ އެސްޓީއޯގެ ގިނަ އަދަދެއްގެ ބޭސްފިހާރަތަކުގެ އިންވެންޓްރީ ގުނުމުގެ މަސައްކަތް ޖޫން 24 އިން 26 އަށް ކުރިއަށް ދާނެ ކަމަށެވެ. އެހެންކަމުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކޮންމެހެން ބޭނުންވާ އިމަޖެންސީ ހިދުމަތްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު އެސްޓީއޯއިން ހަމަޖައްސާފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ބަދަލާއެކު ފާމަސީތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ 500 އަށްވުރެ ގިނަ މުވައްޒަފުން ވެސް އާ ކުންފުންޏަށް ބަދަލުވެގެންދާނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އުފެއްދި ސްޓޭޓްފާމާ ކުންފުނީގެ މައިގަނޑު އަމާޒަކީ، މިހާރު ރާއްޖޭގެ ބޭސް މާކެޓަށް ދިމާވެފައިވާ ބޭސް ލިބުމުގެ ދަތިތަކަށް ދާއިމީ އަދި އެކަށީގެންވާ ހައްލެއް ހޯދައިދިނުމެވެ.

ބޭސް ނުލިބޭ ކަމުގެ ކަންބޮޑުވުން މިހާރު ވެސް އާންމުންގެ ތެރޭގައި އިތުރެވެ.