ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދުމަށްފަހު، ހޮލީވުޑްގެ ސިނަމާއަށް ނުކުމެ ބައިނަލްއަގުވާމީ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިވަނީ އޭނާގެ ހޮލީވުޑް ކެރިއަރާ މެދު ވަރަށް ތެދުވެރި ވާހަކަތަކެއް ހިއްސާކޮށްފަ
އެވެ. ފްރާންސްގައި ކުރިއަށްދިޔަ "ކޭންސް ލަޔަންސް" ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، ހޮލީވުޑްގައި އޭނާއަށް ލިބިފައިވާ މަގާމަކީ ބޮލީވުޑްގައި ހޭދަކުރި 20 އަހަރުގެ ދިގު، ކާމިޔާބު ދަތުރާ އަޅާބަލާއިރު އަދި މާ ކުޑަ މިންވަރެއް ކަމަށެވެ.
އިންޑިއާގެ ސިނަމާގައި އެންމެ ކުރީގައި އުޅުމަށްފަހު އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަދަލު ވުމަކީ ފަސޭހަ ކަމެއް ނޫންކަން ޕްރިޔަންކާ ފާހަގަކުރި އެވެ. އޭނާ ބުނި ގޮތުގައި ހޮލީވުޑަށް ދިޔުމުން، އޭނާއަކީ ކާކުކަން އެނގޭ މީހަކު އެތަނަކު ނެތެވެ.
އެހެން ކަމުން، އެހެން ހުރިހާ އާ ކުޅުންތެރިންނެކޭ އެއްގޮތަށް އޮޑިޝަންތައް ދީގެން، އަމިއްލަ ނަފްސު ސާބިތު ކޮށްދޭން އޭނާއަށް ޖެހުނެވެ.
"ބޮލީވުޑްގައި އަހަރެން ހޭދަކުރި ކެރިއަރާ، ހޮލީވުޑްގައި މިހާތަނަށް ކުރެވުނު މަސައްކަތާ އަދި އެއްވަރެއް ނުވޭ. ހޮލީވުޑްގެ ނަޒަރުގައި އަދިވެސް އަހަންނަކީ ކުޑަކުއްޖެއް، ނުވަތަ މި ދާއިރާއަށް ދާދިފަހުން އުފަންވި މީހެއް ފަދަ،" ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ ބުނީ ބޮލީވުޑްގައި އޭނާ ހޯދި ތަޖުރިބާއަކީ ހޮލީވުޑްގައި ފައިތިލަ ސާބިތުކުރުމަށް ލިބުނު އެންމެ ބޮޑު ހަތިޔާރު ކަމަށެވެ. އިންޑިއާގައި 70 އަށްވުރެ ގިނަ ފިލްމު ކުޅެ، އެކި ވައްތަރުގެ ޑައިރެކްޓަރުންނާ އެކު މަސައްކަތް ކުރުމުގެ ސަބަބުން، ކޮންމެ ފަދަ މާހައުލަކަށްވެސް ހޭނުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރި ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެހެންކަމުން ހޮލީވުޑްގައި މަސައްކަތް ކުރާއިރު، ކެމެރާގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއް ނުވާކަމަށް އޭނާ ބުންޏެވެ.
މި ކޮންފަރެންސްގައި ޕްރިޔަންކާ ވަނީ އޭނާ އުފައްދާފައިވާ "ޕާޕަލް ޕެބްލް ޕިކްޗާސް" ޕްރޮޑަކްޝަން ހައުސްއާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި މި ކުންފުނި އުފެއްދުމުގެ ބޭނުމަކީ، ދެކުނު އޭޝިއާގެ ހުނަރުވެރި ފަންނާނުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ފުރުސަތުތައް ހޯދައިދީ، ސިނަމާގެ ތެރޭގައި ތަފާތު ކުރުންތައް ނައްތާލުމެވެ.
ހޮލީވުޑްގައި "ކުއަންޓިކޯ"، "ބޭވޮޗް" އަދި "ސިޓަޑެލް" ފަދަ މަޝްހޫރު ސީރީޒްތަކާއި ފިލްމުތަކުން ފެނިގެން ގޮސްފައިވާ ޕްރިޔަންކާ މިހާރު ދަނީ އޭނާގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ދަ ބްލަފް" ގެ މަސައްކަތް ކުރަމުންނެވެ.
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!
ރޮނާލްޑޯ ޖޫނިއާ ވޯލްޑް ކަޕް ކުޅޭނީ ކޮން ގައުމަކަށް؟
ލިއަމްގެ މިލްކިއްޔާތު އޭނާގެ 9 އަހަރުގެ ދަރިފުޅަށް!