ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ދެވަނަ ފަހަރަށް ހުށަހަޅާފައިވާ މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފި އެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ސޭވް މޯލްޑިވްސް ކެމްޕެއިންގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްގަފޫރާއި މުހައްމަދު ސިނީން އިސްވެ ތިއްބަވައި، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހެޅި މި މައްސަލަ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރަޖިސްޓްރޭޝަން މަރުހަލާއިން ވަނީ ބޭރުކޮށްލާފަ އެވެ.

ފުރަތަމަ ފަހަރު މިދިޔަ ޑިސެންބަރު މަހު ބޭރުކޮށްލީ ބާތިލުކުރަން އެދޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދަކަށް ނުވާތީ ދުސްތޫރީ މައްސަލައެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އެވެ. އަދި އޭގެފަހުން އޭޕްރީލް މަހު ދެވަނަ ފަހަރަށް ބޭރުކޮށްލީ ތަފްސީލު މަދުވުމުން ކަމަށް ބުނެ އެވެ. ނަމަވެސް ރަޖިސްޓްރާގެ އެ ނިންމުންތައް މައްސަލަ ހުށަހެޅި ފަރާތުން ރިވިއުކުރަން އެދުމުން، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުވެފައި ވަނީ މި މައްސަލައަކީ ކޯޓުން ރަސްމީކޮށް ހިންގަންޖެހޭ މައްސަލައެއްގެ ގޮތުގަ އެވެ.

ކަށިމިޔަރީ ދުނިޔެއިން ނެތިދިޔުމުގެ ބިރު ވެސް ހީވެފައި އޮތް ބާވަތެކެވެ. ކަށި މިޔަރުގެ ބިސް އުފެދޭ ހިސާބުން ފެށިގެން ވިހެއުމާ ހަމައަށް ދެ އަހަރު ނަގަ އެވެ. އެހެންކަމުން ކަށިމިޔަރު ރާއްޖެއިން ނެތި ދިޔުމުގެ ބިރު މިހާރު މިވަނީ ބޮޑުވެފަ އެވެ.

ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.