މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފަތުރުވެރިކަމުގެ އޮފް ސީޒަނާ ދިމާކޮށް، ބޭންކުތަކަށް ދޫކުރާ ޑޮލަރު 25 އިންސައްތައަށް އިތުރުކުރުމަކީ ތަނެއް "ކަހައިގަތީމައި ކަހައިލުން" ކަމަށް ވިދާޅުވެ، ޑޮލަރުގެ ކަންކަމުގެ ތެރެއަށް ގަވަރުނަރު އަހުމަދު މުނައްވަރު ވަދެވަޑައިނުގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ.

ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގެ މިހާރުގެ މާލީ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު އިންތިހާއަށް ވެއްޓެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ލަފާކުރައްވާ ގޮތުގައި މިހާރު ހުރި މައްސަލަތަކަށް ދާއިމީ ބަދަލެއް ނުގެނެސްފިނަމަ ކާބޯތަކެއްޗާއި މުދަލުގެ އަގު ކޮންޓްރޯލް ނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރައިގެން ހިނގައިދާނެ އެވެ.

އެމްއެމްއޭއިން ކުއްލިއަކަށް ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަތިކުރީ ޑޮލަރުގެ ތާށިކަމާ ހެދި އާންމުން ޝަކުވާ ބޮޑުވުމުން ކަމަށް ސިފަކުރައްވައި، ޔާމީން ވިދާޅުވީ މަރުކަޒީ ބޭންކަށް ދިވެހި ރުފިޔާ ޗާޕުކުރެވުނު ނަމަވެސް ޑޮލަރު ޗާޕު ނުކުރެވޭނެތީ، މިއީ ގައުމުގެ ރިޒާވަށް ބެލުމެއް ނެތި ސިޔާސީ ނުފޫޒުގައި ނެރުނު ވަގުތީ ފަރުވާއެއް ކަމަށެވެ. އެހެންކަމުން މަރުކަޒީ ބޭންކުގެ މުސްތަގިއްލުކަން ހިފަހައްޓައި، ސަރުކާރުގެ ސިޔާސީ 'ޗަރުކޭސް' ތަކުގެ ތެރެއަށް ގަވަރުނަރު މުނައްވަރު ވެންނެވުމުގެ ބަދަލުގައި ދުރުގައި ހުންނެވުމަށް އެ މަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.

މި ބަހުސްތައް ކުރިއަށްދާއިރު ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު މަދުވެ، ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. މި މާލީ ދަތިކަމުގެ ސަބަބުން ގައުމީ ބޭންކު (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބި، ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން ވިޔަފާރިތަކާއި އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ މިންވަރު މިދިޔަ މަހުން ފެށިގެން ވަނީ ވަރަށް ބޮޑަށް ލިމިޓުކޮށްފަ އެވެ. އަދި މިފަހުން އިސްލާމިކް ބޭންކް (އެމްއައިބީ)އިން ވެސް އީކޮމާސް ސައިޓްތަކަށް ވަނީ ލިމިޓެއް ކަނޑައަޅައިފަ އެވެ.

އެހެންނަމަވެސް މި ހިނގާ މަސް ނިމުމުގެ ކުރިން އެ ޑޮލަރު ލިމިޓަށް ކޮންމެވެސް ވަރެއްގެ ލުޔެއް ދޭނެކަމުގެ އުންމީދީ މެސެޖެއް ބީއެމްއެލްގެ ފަރާތުން މިހާރު ވަނީ އާންމުންނަށް ދީފަ އެވެ.