އެމެރިކާއިން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާއާ ގުޅުންހުރި އަމާޒުފަތްތަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެގައުމަށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކަކީ އދ. ގެ ޗާޓަރާއި ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ހިލާފު އަމަލެއް ކަމަށެވެ. އަދި އެމެރިކާގެ އެ އަމަލަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ ސިފައިންނާ ގުޅުންހުރި އަމާޒުތަކަށް ހަމަލާދީފައިވާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް، ހަމަލާދިން އަމާޒުތަކަކީ ކޮބައިކަމެއް ނުވަތަ އެއީ ކޮން ސަރަހައްދެއްގައި ހުރި ތަންތަނެއް ކަމެއް އީރާނުން ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ބަހުރޭނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު އީރާނުން ބަހުރޭނުގެ ސަރަހައްދަށް ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތައް އެގައުމުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ގައުމުގެ މިނިވަންކަމާއި ސަލާމަތްތެރިކަން ދިފާއުކުރުމުގެ ފުރިހަމަ ހައްގު ބަހުރޭނަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެ އެވެ.
އީރާނުގެ މިސައިލް، ޑްރޯން އަދި ރާޑަރު ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތައް ކުށްވެރިކުރަމުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އެ ސަރަހައްދުގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އަމާޒުކޮށް ރައްދު ހަމަލާ ދީފައިވާ ކަމަށް އެގައުމުން ބުނެ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން މި ބަޔާން ނެރެފައިވަނީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނެ، އެކަމުގެ ރައްދުގައި އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާ އާއި އީރާނުން ނުރައްކާތެރި ހަމަލާތަކެއް ބަދަލުކޮށްފި
އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް