ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަކީ ގިނަ ފަހަރަށް އަޅުގަނޑުމެން ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ ކަންކަމެވެ. އާ އައިނެއް ހެދުމުން ނުވަތަ ލޮލަށް އަޅާ ތިއްކެއް ބޭނުން ކުރުމުން އެކަން ހައްލު ވެދާނެ ކަމަށް ހީކުރެވެ އެވެ.

ނަމަވެސް، ފެނުމަށް އަންނަ ކޮންމެ ބަދަލަކީ ހަމައެކަނި ލޮލާ ގުޅުންހުރި ކަމަކަށް ނުވެދާނެ އެވެ. ބައެއް ފަހަރު މިއީ ސިކުނޑީގައި އުފެދެމުންދާ ނުރައްކާތެރި ބައްޔެއްގެ ފުރަތަމަ އިންޒާރަކަށް ވެދާނެ އެވެ.

އިންޑިއާގެ ހިންދުސްތާން ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި، މަޝްހޫރު ނިއުރޯސާޖަން ޑރ. އަބީޖީތު ޖީ. ވާރަޅޭ ވަނީ ލޮލުގެ ފެނުމާއި ސިކުނޑިއާ ހުރި ގުޅުމާއި، އަދި ސިކުނޑީގެ ޓިއުމަރެއްގެ ސަބަބުން ލޮލަށް ކޮށްފާނެ އަސަރުތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފަ އެވެ.

ލޮލާއި ސިކުނޑި ގުޅިފައިވަނީ ކިހިނެއް؟

ޑރ. އަބީޖީތު ވިދާޅުވި ގޮތުގައި ލޮލަކީ ހަގީގަތުގައި "ސިކުނޑީގެ އިތުރުވުމެއް ނުވަތަ ގޮތްޕެއް" ކަމަށް ބެލެވިދާނެ އެވެ. ލޮލަށް ފެންނަ މަންޒަރުތަކުގެ ސިގްނަލްތައް ސިކުނޑިއަށް ދަތުރު ކުރަނީ އޮޕްޓިކް ނާވް އަދި އޮޕްޓިކް ޓްރެކްޓްތައް މެދުވެރިކޮށެވެ.

އެހެންކަމުން، ސިކުނޑީގައި ޓިއުމަރެއް އުފެދުން، ނުވަތަ ސިކުނޑީގެ ޕްރެޝަރު މަތިވުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އޭގެ އަސަރު އެންމެ ފުރަތަމަ ފެންނަން ފަށަނީ ލޮލުގެ ފެނުމުންނެވެ.

ލޮލުގެ ފެނުމަށް އަސަރުކުރާ 4 ބާވަތެއްގެ ސިކުނޑީގެ ޓިއުމަރު

  • ޕިޓުއިޓަރީ އެޑިނޯމާ: މިއީ ސިކުނޑީގައި އުފެދޭ ވަރަށް އާންމު ޓިއުމަރެކެވެ. މިއީ ކެންސަރަށް ބަދަލުނުވާ ޓިއުމަރެއް ނަމަވެސް، މިއީ މަޑުމަޑުން ބޮޑުވަމުން ގޮސް ލޮލުގެ ފެނުން ދަށްކޮށްލާ އެއްޗެކެވެ. ގިނަ ފަހަރަށް ބަލިމީހުންނަށް މި ބަދަލު ފާހަގަ ކުރެވެނީ މާ ލަސްވާ ފަހުންނެވެ.
  • ކްރޭނިއޯފެރިންޖިއޯމާ: މިއީ ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށްވެސް ޖެހޭ ޓިއުމަރެކެވެ. މީގެ ސަބަބުން ލޮލުގެ ފެނުމަށް މައްސަލަތައް ދިމާވުމުގެ އިތުރުން ހޯމޯންގެ އުނިކަންވެސް ކުރިމަތިވެ އެވެ.
  • މެނިންޖިއޯމާ: ލޮލުގެ ނާރުތަކާ ވަރަށް ކައިރީގައި އުފެދޭ މި ޓިއުމަރު ބޮޑު ވަމުންދާ ވަރަކަށް ލޮލުގެ ނާރުތަކަށް ފިއްތުންތައް ކުރިމަތިވެ، ފެނުން ފުސްވުމާއި، ދުރު ފެންނަ ދާއިރާ ހަނި ވެގެންދެ އެވެ.
  • އޮޕްޓިކް ޕާތުވޭ ގްލިއޯމާ: މިއީ ސީދާ ލޮލުން ސިކުނޑިއަށް މަންޒަރުތައް ގެންގޮސްދޭ ނާރުގެ ނިޒާމުގައި އުފެދޭ ޓިއުމަރެކެވެ. މީގެ ސަބަބުން ސީދާ ލޮލުގެ ނާރުތަކަށް ގެއްލުންވެ ފެނުން ގެއްލެން މެދުވެރިވެ އެވެ.

ސަމާލުވާންޖެހޭ ނުރައްކަލުގެ ނިޝާންތައް

ޑރ. އަބީޖީތު އިރުޝާދު ދެއްވާ ގޮތުގައި ތިރީގައިވާ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ނިއުރޮލޮޖިސްޓަކަށް ނުވަތަ ނިއުރޯސާޖަންއަކަށް ދައްކަންޖެހެ އެވެ.

  1. ކުއްލިއަކަށް ލޮލުގެ ފެނުން ގޯސްވުން ނުވަތަ ފެނުން ގެއްލުން.
  2. އެއް އެއްޗެއް ދެ އެއްޗެއްގެ ގޮތުގައި ފެނުން އަލަށް ދިމާވުން.
  3. ކަނޑައެޅިގެން ވަކި ފަރާތެއްގެ ފެނުން މަޑުމަޑުން ބަންދު ވަމުންދާހެން ހީވުން.

ނަމަވެސް، ޑޮކްޓަރު ވިދާޅުވި ގޮތުގައި މިފަދަ ޓިއުމަރުތަކަކީ އޮޕަރޭޝަން ކޮށްގެން ރަނގަޅު ކުރެވޭނެ ބަލިތަކެކެވެ. އެންމެ މުހިންމު ކަމަކީ ބަލީގެ ކުރީކޮޅުގައި އަލާމާތްތައް ދެނެގަނެ، ސިއްހީ އެހީތެރިކަން ހޯދުމެވެ. އޭރުން ގެއްލިފައިވާ ފެނުން އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެ އެވެ.