2026 ގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި، ގަދަ 32 ގެ ބުރަށް ޑީއާރު ކޮންގޯ ދަތުރުކޮށް ތާރީހީ ކާމިޔާބީއެއް ހޯދާފައިވީ ނަމަވެސް، އެ ގައުމުގެ އެންމެ މަގްބޫލު ސުޕަ ފޭން މި އުފަލުގައި ބައިވެރިވުމުން މަހްރޫމްވެއްޖެ އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ކޮންގޯގެ ސަޕޯޓަރު މިޝޭލް ކުކާ އެމްބޮލަޑިންގާ، އާންމު ނަމުން ނަމަ "ލުމުމްބާ ވިއާ"އަށް އެމެރިކާގެ ވިސާ ނުލިބުމުގެ ސަބަބުން، އޭނާގެ ގައުމުން އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށާއި، ކުރިއަށް އޮތް އިންގްލެންޑް މެޗަށް އެމެރިކާއަށް އެތެރެ ވުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
"ލުމުމްބާ ވިއާ" އަކީ ކާކު؟
އުމުރުން 53 އަހަރުގެ އެމްބޮލަޑިންގާ އަކީ އެފްރިކާގެ ފުޓްބޯޅައިގައި މިހާރު ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ސަޕޯޓަރެވެ. އޭނާ މަޝްހޫރު ވެފައިވަނީ މެޗުގެ 90 މިނެޓު އެއްކޮށް، އެއްވެސް ހަރަކާތެއް ނެތް "ދިރިހުރި ބުދެއް" ފަދައިން ކޮޅަށް ހުރެގެން ޓީމަށް ސަޕޯޓްކުރާ މީހެއްގެ ގޮތު ގައެވެ.
އޭނާ މިގޮތަށް ހުންނަނީ ކޮންގޯގެ މިނިވަންކަމުގެ ބަތަލު އަދި އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޕެޓްރިސް ލުމުމްބާގެ ހަނދާނީ ބުދުގެ ސިފަޔަށެވެ.
އިންސްޓަގްރާމްގައި 255,000 އަށްވުރެ ގިނަ ފޮލޯވަރުން ތިބޭ މި ސުޕަފޭން އަކީ ކޮންގޯގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރަސްމީ އެމްބެސެޑަރެއް ވެސްމެ އެވެ.
ވިސާ ނުދިނީ ކީއްވެ؟
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަމިއްލަ ފަރުދުންގެ ވިސާގެ މައްސަލަތަކުގައި ރަސްމީކޮށް ވާހަކަ ނުދެއްކި ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުން އޭނާއަށް ވިސާ ނުލިބުނީ ސިއްހީ ސަބަބުތަކަކާ ހު ރެއެވެ.
މިވަގުތު ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ބަލިމަޑުކަމާ ގުޅިގެން، ދަތުރުފަތުރުގެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންގޯގައި މިހާތަނަށް 1,203 އަށްވުރެ ގިނަ މީހުންނަށް އެބޯލާ ޖެހި، 321 މީހުން ވަނީ މަރުވެފަ އެވެ.
މި ބަލިމަޑުކަމާ ހުރެ، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ކޮންގޯ ކުޅުނުއިރުވެސް އޭނާ ހުރީ ފަރަންސޭސިވިލާތުގެ ޕެރިހުގައި 21 ދުވަހުގެ ކަރަންޓީނުގަ އެވެ.
އެއަށްފަހު މެކްސިކޯއަށް ގޮސް ކޮލަމްބިއާ މެޗުގައި އޭނާ ބައިވެރިވި ނަމަވެސް، އެމެރިކާގެ އެޓްލާންޓާގައި ކުޅޭ މެޗުތަކަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ އޭނާއަށް ނުލިބުނެވެ.
ފޭނުންގެ ޝުއޫރު
މިކަމާ ގުޅިގެން އެމްބޮލަޑިންގާ ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، "އަހަރެމެންގެ ގައުމީ ޓީމަށް ކާމިޔާބީއަށް އެދެން. ތާރީހު އަލުން މިދަނީ ލިޔެވެމުން،" ކަމަށެވެ.
އޭނާ އެމެރިކާގެ ސްޓޭޑިއަމްގައި ނެތް ނަމަވެސް، އުޒްބެކިސްތާން މެޗު ބަލަން ދިޔަ ކޮންގޯގެ އެހެން ސަޕޯޓަރުން ވަނީ އޭނާގެ ހަނދާނުގައި، އޭނާ ހުންނަ ފަދަ "ބުދެއްގެ" ގޮތަށް ހަރަކާތްނެތި ތިބެ ޓީމަށް ސަޕޯޓްކޮށް، އެއްބައިވަންތަކަން ދައްކާފަ އެވެ.
ކޮންގޯގެ ފުޓްބޯޅަ އެސޯސިއޭޝަނުން އުންމީދު ކުރަނީ، ޓީމު މުބާރާތުގެ ކުރިއަށްދާ ވަރަކުން މި މައްސަލަ ހައްލުވެ، އޭނާއަށް ދެން ހުރި މެޗުތަކަށް ދެވޭނެ ކަމަށެވެ.
އެމެރިކާ މޮޅުވެއްޖެ ނަމަ ހަނދަށް ބޯޅައެއް ފޮނުވާނަން: ނާސާ
އަހަންނަކީ ކުޑަ ކުއްޖެއް ނޫން: ޖަންކޫކް
ފެންވަރާލުމަކީ ވެސް މިހާރު ބޮޑު ކާމިޔާބެއް: ބެލާ