ޕާކިސްތާނުގެ ލާހޯރުގައި ހުރި އިމާރާތެއްގެ ފުރާޅު ވެއްޓި، އޭގެ ދަށުވެ 14 ކުދިން މަރުވެފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފި އެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ލާހޯރުގެ އަވަށެއް ކަމަށްވާ ކަހްނާގައި ހުންނަ އަމިއްލަ ޓިއުޝަން ސެންޓަރެއްގަ އެވެ. ހާދިސާ ހިނގި ސަރަހައްދުން ސަލާމަތްކުރި ކުދިންގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފަ އެވެ. އަދި އިބްތިދާއީ ތަހުގީގުގެ ދަށުން މިހާތަނަށް ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޕާކިސްތާނުގެ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ރެސްކިއު 1122 ގެ ތަރުޖަމާނު ފާރޫގް އަހުމަދު ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 16:45 ހާއިރު ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެއްގަޑިއިރު ތެރޭގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި، އިމާރާތުގެ ދަށުން ނެގި ގިނަ ކުދިންނަކީ އުމުރުން 7 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ. މި ހާދިސާގައި އިތުރު ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މި ހާދިސާގައި އާއިލާގެ ކުއްޖަކު މަރުވި މީހަކު އޭއެފްޕީ ނޫސް އޭޖެންސީއަށް ކިޔައިދިން ގޮތުގައި، އެ އިމާރާތުގެ ފުރާޅު ހުރީ ވަރަށް ބޮޑަށް ބަލިކަށިވެ، ހަލާކުވެފަ އެވެ. އުމުރުން 45 އަހަރުގެ ޒަހީރު ބުނި ގޮތުގައި، ކުދިން ކިޔަވަން ތިއްބައި ފުރާޅުގައި މުށިޖެހުމުގެ މަރާމާތު މަސައްކަތްތަކެއް ދިޔައީ ކުރަމުންނެވެ.

"ކުއްލިއަކަށް ފުރާޅު ވެއްޓުނީ އެތަނުގައި ތިބި ގިނަ އަދަދެއްގެ ކުދިންގެ ބޯމައްޗަށް. ފުރާޅުމައްޗަށް މާބޮޑަށް ބަރުވުމުގެ ސަބަބުން މި ހާދިސާ ހިނގަން މެދުވެރިވީ،" އޭނާ ބުންޏެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި ބަޔާނެއް ނެރުއްވާފަ އެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުއާކުރައްވާ ކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ އެންމެހާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

ޕަންޖާބު ޕްރޮވިންސްގެ ޗީފް މިނިސްޓަރު މަރިޔަމް ނަވާޒް ޝަރީފް މި ހާދިސާ ސިފަކުރެއްވީ "ހިތްދަތި ހާދިސާއެއް"ގެ ގޮތުގަ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 14 ކުދިންގެ ފުރާނަ ގެއްލިގެން ދިއުމަކީ އިންތިހާއަށް ހިތާމަވެރި ކަމެއް ކަމަށާއި، އެ ކުދިންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވި އެންމެހާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް މަރިޔަމް ވިދާޅުވި އެވެ.