އިތުރު 1،204 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 961 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން 235 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓްތަކުން އަށް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު އިއުލާންކުރި ޕޮޒިޓިވް ކޭސްތަކުގެ އިތުރު ތަފްސީލް

  • 1 މެއި - 1
  • 4 މެއި - 15
  • 5 މެއި - 7
  • 6 މެއި - 132
  • 7 މެއި - 112
  • 8 މެއި - 208
  • 9 މެއި - 695
  • 10 މެއި - 34

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 37،019 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 10،376 ގައި މިހާރު ހުރިއިރު 26،547 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލި ޖެހިފައިވާ 244 މީހަކަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 87 މީހަކު ވަނީ މަރުވެފަ އެވެ.

އަތޮޅުތަކުގައި ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ ކޭސްތައް ހަލުވިކަމާއެކު ފެތުރެމުންދާތީ ލ. ގަން، އަދ. މާމިގިލި، އއ. އުކުޅަސް، އއ. މަތިވެރި، ޅ. ނައިފަރު. ކ. މާފުށި، ބ. އޭދަފުށި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.