އެމެރިކާގެ ނޭވީއާއި ކޯސްޓް ގާޑްގެ ޓީމަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަރަބި ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ އަސްކަރީ ހަތިޔާރާއެކު ބޯޓެއް އަތުލައިގެންފި އެވެ.

އެއްވެސް ގައުމެއްގައި ރަޖިސްޓްރީ ކޮށްފައި ނުވާ އެ ބޯޓު އަތުލައިގަތީ ސިފައިންގެ ޓީމުން ކުރިއަށް ގެންދިޔަ އޮޕްގޭޝަންގައި އުޅަނދުގެ ރަޖިސްޓްރީ ބަލާ ފާސްކުރުމުގެ ތެރެއިންނެވެ.

އަތުލައިގަނެވުނު ހަތިޔާރުތަކުން އެމެރިކާގެ 567 ފޫޓު ދިގު އަސްކަރީ ބޯޓުގެ ޑެކް އެއްކޮށް ފުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަތުލައިގަތް ބޯޓުން އަސްކަރީ ބޯޓަށް ހަތިޔާރުތައް ބަދަލު ކުރުމުގައި ދެ ދުވަސް ހޭދަވި އެވެ.

އެ ހަތިޔާރުތަކުގެ ތެރޭގައި ރަޝިއާގައި އުފައްދާ އެންޓި-ޓޭންކް މިސައިލްސް އާއި ޗައިނާގެ ޓައިޕް 56 އެސޯލްޓް ރައިފަލްސް އާއި ސަތޭކަ އަށްވުރެ ގިނަ މެޝިން ބަޑިތަކުގެ އިތުރުން ސްނައިޕާ ރައިފަލްސް ހިމެނެ އެވެ.

އަތުލައިގަތް ބޯޓުގެ އަސްލު ދަނެގަންނަން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބު ވެފައިނުވާއިރު މީގެ ކުރިން މިފަދަ ގޮތަކަށް އަތުލައިގަނެވުނު އެއް ބޯޓަކީ ޔަމަނަށް ނިސްބަތްވާ ބޯޓެކެވެ.

ބޯޓުގެ ފަޅުވެރިންނާ ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އެމެރިކާގެ ސިފައިން ބުނެ އެވެ.