ހުޅުމާލެ ފޭސް ދޭއްގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ހަތަރު ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓަކަށްފަހު، ސައިކަލު ދޫކޮށް ފިލި ޑްރައިވަރު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ބެރެންބެދިމާ ހިނގުމުގެ އެއްވަނަ ގޯޅިން، ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހިގެންނެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:27 ހާއިރު އެވެ.

މި އެކްސިޑެންޓަށްފަހު ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ސައިކަލު އެ ސަރަހައްދަށް ދޫކޮށްލުމަށްފަހު ވަނީ ފިލާފަ އެވެ. ނަމަވެސް، އެކްސިޑެންޓްވި ސައިކަލުގެ ފަހަތުގައި އިން މީހާ އެ ސަރަހައްދުގައި ހުއްޓާ ފުލުހުންނަށް ފެނިފައިވާކަމަށް ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނި ގޮތުގައި އޭނާގެ ތުންފަތް ފަޅައިގެން ގޮސް، ހަށިގަނޑުގެ އެކި ތަންތަން މަށައިގެން ދިއުމުގެ ސަބަބުން އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

މި އެކްސިޑެންޓްގެ ސަބަބުން މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ހަތަރު ކާރަކަށާއި، އެކްސިޑެންޓްވި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ފާހަގަކުރެ އެވެ. ތަހުގީގުގެ ބޭނުމަށްޓަކައި އެކްސިޑެންޓްވި ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ޓޯކޮށްފަ އެވެ.