ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުރި މީހެއްގެ ގަޔަށް ހޫނުފެން އެޅި ކަމަށް ސާބިތުވި ފުލުސް މީހާ ވަޒީފާއިން ވަކިކުރުމަށް ނިންމީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ 18 އޮގަސްޓް 2021 ގައެވެ. މާފަންނު ޕޮލިސް ސްޓޭޝަނުގައި ޕޮލިސް ސާޖަންޓެއްގެ ރޭންކުގައި މަސައްކަތް ކުރަމުންދިޔަ މި އޮފިސަރު، ބަންދުގައި ހުރި މީހެއްގެ ގަޔަށް ހޫނުފެން އަޅައި ފިއްސާލި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރީ އެ އަހަރުގެ ތެރޭގަ އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ބަންދުގައި ތިބޭ މީހުންނާ މެދު އިހާނެތިކޮށް އަމަލުކުރުމާއި ފުލުހުންގެ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ ސަބަބުންނެވެ.
ވަޒީފާއިން ވަކިކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން ކުރެއްވި ހުކުމުގައި ބުނެފައިވަނީ، އެ ފުލުސް މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހު ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
މި ހާދިސާއާ ގުޅިގެން ވަޒީފާގެ ފިޔަވަޅު އެޅުމުގެ އިތުރަށް މި މައްސަލައިގައި ޓޯޗާގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ޖުމްލަ 15 ފުލުހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
އޮސްޓްރޭލިއާގެ އެހީގައި ކުޑަކުދިންގެ ޕާކުތައް ހަދަނީ
ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި
އެމެރިކާ އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ރަހުމަތްތެރިއެއް: ރައީސް