އީރާނުގެ ކުރީގެ އެންމެ ވެރިޔާ އަލީ ހާމަނާއީގެ ޖަނާޒާގެ ދެވަނަ ދުވަހު، އެމަނިކުފާނުގެ ތިން ފިރިހެން ދަރިކަލުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފި އެވެ. ނަމަވެސް، އެމަނިކުފާނުގެ ފަހުން ސްޕްރީމް ލީޑަރުކަމާ ހަވާލުވެވަޑައިގަތް ދަރިކަލުން، މުޖުތަބާ ހާމަނާއީ އަދިވެސް ފެނިވަޑައެއް ނުގަނެއެވެ.
އީރާނުގެ ގައުމީ ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި، ތެހެރާންގެ އިމާމް ހުމައިނީ ގްރޭންޑް މުސައްލާގެ ބޮޑު ގޯތިތެރޭގައި ބަހައްޓާފައިވާ ސަންދޯއްތަކުގެ ފަހަތުގައި މުސްތަފާ، މައިސަމް އަދި މަސްއޫދު ހާމަނާއީ ނަމާދު ކުރައްވަން ތިއްބެވި އެވެ.
އެތަނުގައި ބާއްވާފައިވާ ހަށިގަނޑުތަކުގެ ތެރޭގައި އަލީ ހާމަނާއީގެ އިތުރުން، އެމަނިކުފާނުގެ އަންހެން ދަރިކަލުންނާއި، ދަނބިދަރިކަލުންނާއި، ޅީދަރިކަލުން އަދި 14 މަހުގެ ކާފަ ދަރިކަލުން ހިމެނެއެވެ. މި އެންމެންނަކީ ވެސް ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ބޭފުޅުންނެވެ.
މުޖުތަބާ ހާމަނާއީ މި ހަރަކާތްތަކުން ފެނިވަޑައިނުގަންނަވަނީ، އިޒްރޭލުން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާކޮށްފާނެތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ބެލެވެއެވެ. މާޗު މަހު އެންމެ ސްޕްރީމް ލީޑަރުގެ މަގާމަށް އައްޔަންކުރެވުނު ފަހުން، އެމަނިކުފާނު އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ. މިއީ އެމަނިކުފާނުގެ ރައްކާތެރިކަމަށްޓަކައި ނިންމާފައިވާ ނިންމުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
"އެތައް ހާސް ބަޔަކު ދަނީ އިހުތިރާމް އަދާކުރުމަށް އެ ސަރަހައްދަށް ޖަމާވަމުން. އެމީހުން އުފުލަމުންދަނީ އީރާނުގެ ދިދަތަކާއި، ބަދަލުހިފުމަށް ގޮވާލާ ރަމްޒީ ރަތް ދިދަތައް،" ތެހެރާނުން އަލްޖަޒީރާއަށް ރިޕޯޓްކުރި ތައުހީދު އަސަދީ ބުންޏެވެ.
އާންމުން ދަނީ އެންމެ މަތީ ވެރިޔާގެ ލޭގެ ބަދަލުހިފުމަށް ގޮވާލަމުންނެވެ. އެއްވެފައިވާ މީހުންގެ ތެރެއިން "އެމެރިކާއަށް މަރު" އަދި "އިޒްރޭލަށް މަރު" ފަދަ އަޑުތައް ދަނީ އިވެމުންނެވެ.
އިސްލާމީ ޖުމްހޫރިއްޔާއަށް އޮތް ވަފާތެރިކަން ހާމަކުރުމުގެ ގޮތުން، ސަރުކާރުން ވަނީ ހަފުތާއެއްގެ މުއްދަތަށް ކުރިއަށްދާ ޖަނާޒާގެ ހަރަކާތްތަކެއް ފަށާފަ އެވެ. ހާމަނާއީގެ ހަށިކޮޅު، އަވަށްޓެރި އިރާގުގެ ކަރުބަލާ އަދި ނަޖަފް ފަދަ ޝީއީންގެ ބިންތަކަށާއި، އީރާނުގެ ގުމް އަދި މަޝްހަދަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނު ފަސްދާނުލެވޭނީ މަޝްހަދުގަ އެވެ.
"އަހަރެން މިތަނަށް މިއައީ ބަދަލުހިފުމަށް ގޮވާލަން، އެމީހުން އަހަރެމެންގެ އިމާމު ގަތުލުކޮށްފި" އޭޕީ ނިއުސް އެޖެންސީއާ ވާހަކަދެއްކި 29 އަހަރުގެ ޣުލާމްރިޒާ ސަބޫނީ ބުންޏެވެ.
އީރާނުގެ އިސް މަސްއޫލުވެރިންނާއި ބޭރުގެ އިއްޒަތްތެރިން ބައިވެރިވި ހާއްސަ ރަސްމިއްޔާތަކަށްފަހު، ހޮނިހިރު ދުވަހު ހާމަނާއީގެ ސަންދޯއް ވަނީ ބޭރުގައި އާންމުންނަށް ފެންނާނެހެން ބަހައްޓާފަ އެވެ.
މި ޖަނާޒާގައި އީރާނުގެ ސިޔާސީ އަދި އަސްކަރީ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރައީސް މަސްއޫދު ޕެޒެޝްކިއަން، މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް، އަދި ގުދުސް ފޯސްގެ ކޮމާންޑަރު އިސްމާއިލް ގާނީ ހިމެނެއެވެ.
ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އާންމުން ބާރުއަޅަމުންދާއިރު، މި ނަމާދުގައި ބޮޑު ޖަމާއަތެއް ބައިވެރިވި އެވެ.
ހޯމަ ދުވަހު ތެހެރާންގައި ބާއްވާ ބޮޑު ހިނގާލުމަށްފަހު، ކުރިއަށް އޮތް ދުވަސްތަކުގައި މިލިއަނުން މީހުން ބައިވެރިވާ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފަ އެވެ. ސަރުކާރުން ދަނީ މި ހަރަކާތްތަކުގައި ބައިވެރިވާ މީހުންނަށް ދަތުރުފަތުރާއި، ކާބޯތަކެތި އަދި ހުންނާނެ ތަންތަން ހަމަޖައްސައިދެމުންނެވެ.
އީރާނުގެ މެޓްރޯ އިދާރާއިން ބުނި ގޮތުގައި ހޮނިހިރު ދުވަހުގެ ރޭގަނޑުން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނާ ހަމައަށް ހަތް މިލިއަނެއްހާ މީހުން މެޓްރޯގެ ހިދުމަތް ހޯދާފައިވެއެވެ.
ތެހެރާންގެ ޔުނިވާސިޓީ އޮފް އެޕްލައިޑް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ މުސްތަފާ ޚޮޝްޗެޝްމް ވިދާޅުވި ގޮތުގައި، ޖަނާޒާގައި ބައިވެރިވާ އީރާނުގެ ރައްޔިތުން ދޭން ބޭނުންވާ މެސެޖު ވަރަށް ސާފެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މެސެޖަކީ: ދައްކާ ވާހަކައަކުން ނުވަތަ އެއްބަސްވުންތަކަކުން އީރާނުގެ ރައްޔިތުންނެއް ނުހެއްލޭނެ. އެމީހުން ތިބީ ހޭލާ. އެމެރިކާ އާއި އިޒްރޭލުގެ ދުޝްމަންކަން ނިމުމަކަށް ނާންނަކަން އެމީހުންނަށް އެނގޭ،" ޚޮޝްޗެޝްމް އަލްޖަޒީރާއަށް ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ރައީސް އޮފީހަށް 14 ދުވަސް
ޕްރިތީގެ މައްސަލައާއެކު ކޯޓުގެ އަމުރެއް ގޫގުލް އަދި މެޓާއަށް!
ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި