ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 އިންސައްތައަކީ ބިދޭސީ ފިރިހެނުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅުވައިގެން ސްޓެޓްސް މޯލްޑިވްސް އިން އާއްމުކުރި މި ހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީގެ އަންދާޒާއަކީ 590,079 އެވެ. މީގެ ތެރޭގައި ހިމެނެނީ 374,168 ފިރިހެނުންނާއި 215,911 އަންހެނުންނެވެ. މި ބޮޑު އާބާދީގެ ތެރެއިން 394,054 އަކީ ދިވެހިން ކަމަށް ވާއިރު، 196,024 މީހުންނަކީ ބިދޭސީންނެވެ. މުޅި ރާއްޖޭގެ ނިސްބަތުން ބަލާނަމަ، ކޮންމެ ތިން މީހަކުން އެކަކީ ބިދޭސީއެކެވެ.
މި ތަފާސްހިސާބުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މަސައްކަތްކުރާ އުމުރުފުރާގައި ދިވެހި ފިރިހެނުންނަށްވުރެ ބިދޭސީ ފިރިހެނުންގެ އަދަދު އިތުރުވުމެވެ. ހާއްސަކޮށް ވެރިރަށް މާލޭގެ އާބާދީއަށް ބަލާއިރު، މަސައްކަތްކުރާ އުމުރުގެ މީހުން ގިނަވުމުގެ އިތުރުން އެ އުމުރުފުރާގެ ބިދޭސީންގެ ނިސްބަތްވެސް ވަރަށް މަތީގަ އެވެ. މާލޭގައި ރާއްޖޭގެ އާބާދީގެ 46 އިންސައްތަ މީހުން ދިރިއުޅެމުން ދާއިރު، އޭގެ ތެރޭގައި ހިމެނެނީ 169,931 ދިވެހިންނާއި 85,625 ބިދޭސީންނެވެ. މާލޭގެ އާބާދީގެ ވެސް ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. މިއާ ހިލާފަށް އިދާރީ ރަށްރަށުގައި ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެއްގެ ގޮތުގައި ރިކޯޑުކުރެވިފައި ވާއިރު، ރިސޯޓްތަކާއި ސިނާއީ ރަށްރަށުގައި މި ނިސްބަތް އިންތިހާއަށް މަތިވެ، އެތަންތަނުގެ އާބާދީގެ 80 އިންސައްތަ ހިއްސާކުރަނީ ބިދޭސީންނެވެ.
ހަމައެއާއެކު އިދާރީ ރަށްރަށުގައި 20 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންގެ އަދަދު ނިސްބަތުން މަދެވެ. ނަމަވެސް، ރިސޯޓްތަކާއި ސިނާއީ ރަށްރަށުގައި 20 އަހަރާއި 44 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ގިނަވާއިރު، އެ ސަރަހައްދުތަކުގައި ވެސް ބިދޭސީ ފިރިހެނުން ގިނަ އެވެ. އަތޮޅުތަކުގެ ތެރެއިން ޖުމްލަ 225,123 ދިވެހިންނާއި 110,399 ބިދޭސީން ދިރިއުޅެމުން ދާއިރު، ރާއްޖޭގައި އެންމެ އާބާދީ ބޮޑު ފަސް އަތޮޅުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ، ހދ. އަތޮޅު، ކ. އަތޮޅު، ރ. އަތޮޅު، އަދި ލ. އަތޮޅެވެ.
މި ފަސް އަތޮޅުގެ ތެރެއިން ބިދޭސީންގެ އާބާދީ އެންމެ ބޮޑީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގެ ޖުމްލަ އާބާދީ 20,163 ގައި ހިމެނެނީ 13,760 ދިވެހިންނާއި 6,430 ބިދޭސީންނެވެ. އެއަށްފަހު ދެން އެންމެ ބިދޭސީން ގިނައީ އައްޑޫ ސިޓީގަ އެވެ. އެއީ ޖުމްލަ 26,913 ގެ އާބާދީއެއްގައި 20,146 ދިވެހިންނާއި 6,767 ބިދޭސީންނެވެ. ހދ. އަތޮޅުގެ ޖުމްލަ 23,371 އާބާދީގައި 20,475 ދިވެހިންނާއި 2,896 ބިދޭސީން ހިމެނޭއިރު، ލ. އަތޮޅުގެ 15,543 ގެ އާބާދީގައި ހިމެނެނީ 13,385 ދިވެހިންނާއި 2,158 ބިދޭސީންނެވެ.
މުޅި ދިވެހި އާބާދީއަށް ބަލާއިރު، އެންމެ ގިނައީ 36 އަހަރާއި 64 އަހަރާ ދެމެދުގެ ބޮޑެތި މީހުންނެވެ. އަދި ދެވަނައަށް އެންމެ ގިނައީ އުފަންވީއްސުރެ 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އުމުރުފުރާ އެވެ.
ޒުވާނުންގެ ހިތުގެ ދުޅަހެޔޮ ކަމަށް ފަލަބަލިން ރައްކާތެރިވާން ޖެހޭ!
ހަފުތާއެއް ތެރޭގައި އަލިފާނުގެ 7 ހާދިސާ ހިނގި: އެމްއެންޑީއެފް
ރެއިންގެ ތަދު ފިލުވާލަދިން "ހޯމް ރިމެޑީސް" ވަރެއް ނެތް!