ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ ލިސްޓު ދިރާސާ ކުރަމުން އަންނައިރު އެ ލިސްޓުގައިވާ މީހުންގެ ނަންތައް އާންމު ކުރާނެ ކަމަށް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓެއް މިހާރު މަޖިލީހުން ދިރާސާ ކުރަމުން އަންނައިރު އެ ލިސްޓަށް އުނިއިތުރު ކުރަމުންދާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ މެމްމަބަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ލިސްޓް އާންމު ކުރުމަށް ހުރަސް އެޅިކަމުގައި ވިއަސް އެކަމުގައި ބައިވެރިވެފައިވާ މީހުންގެ ލިސްޓް އާންމު ކުރައްވާނެ ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓު މިހާރު ސޯޝަލްމީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.

އެ ލިސްޓުގައި އެހާރާއި މިހާރު ވެސް ދައުލަތުގެ ބައެއް ވެރިންނަށް ގިނަ އަދަދަކަށް ފައިސާ ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ހަގީގީ ލިސްޓެއް ނޫން ކަމަށާއި އެ ހިޔާނާތުގައި ބައިވެރިވެފައިނުވާނެ ކަމަށެވެ.

މި ލިސްޓަކީ އެސެސްޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައިފައިވާ ލިސްޓެކެވެ.