އިންޑިއާގެ ސިވިޒަންސް ފޯ ޖަސްޓިސް އެންޑް ޕީސް (ސީޖޭޕީ) އިން އިންތިޒާމު ކޮށްގެން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން މަޝްހޫރު ބޮލީވުޑް ބަތަލާ އަދި އިޖުތިމާއީ ހަރަކާތްތެރިޔާ ޝަބާނާ އާޒްމީގެ ސިއްހީ ހާލަތު ގޯސްވެ ފަރުވާ ހޯދަން ޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އިހުތިޖާޖުގެ ބައިވެރިންނާ އެކު އުޅެނިކޮށް ޝަބާނާގެ ހާލަތު ގޯސްވާން ފެށުމުން، އެ ސަރަހައްދުގައި ތިބި ވޮލަންޓިއަރުން ވަނީ ވަގުތުން އޭނާއަށް އެހީތެރިވެދީފަ އެވެ.

އެއާއެކު އިހުތިޖާޖު ކުރިއަށްދިޔަ ސަރަހައްދުން އޭނާ އެކަހެރިކޮށް އެއްފަރާތަކަށް ގެންގޮސް، އިށީނދެ އަރާމު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެ އެވެ.

އުމުރުން ދުވަސްވީ ބަތަލާ ޝަބާނާ އަޒްމީއަކީ އަބަދުވެސް އިންސާނީ ހައްގުތަކާއި އިޖުތިމާއީ އިންސާފަށް އަ ޑުއުފުލުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ.

އިހުތިޖާޖުގެ ތެރެއިން އޭނާގެ ސިއްހީ ހާލަތު ގޯސްވި ނަމަވެސް، ވޮލަންޓިއަރުންގެ އެހީތެރި ކަމާއެކު ކުޑަ ވަގުތުކޮޅަކު އަރާމު ކޮށް އަވަސް ފަރުވާ ހޯދުމަށްފަހު އޭނާގެ ހާލަތު ވަނީ ހަމައަކަށް އެޅިފަ އެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން އަންނނީ އޭނާގެ ސިއްހަތަށް އެދި ހެޔޮ ދުއާ ފޮނުވަމުންނެވެ.

އެއާއެކު އުމުރުން ދުވަސްވީ ނަމަވެސް އިޖުތިމާއީ ކަންކަމުގައި އޭނާ ދައްކަމުން އަންނަ ހިތްވަރަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ.