ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ އަޑީގައި ތިބި މީހުން ހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިރޭ ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މިއަހަރުގެ ފިތުރު އީދު ބައްދަލުވި އިރު، މުޅި ގައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި ކަމަށެވެ.

މުޅި ގައުމަށް ސިހުން ގެނުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ ދިވެހީންގެ ހިތްތަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެ ހަމަލާއަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށެވެ. އަދި އެއްވެސް މީހެއްގެ ފުރާނަ ދުއްވާލުމަށް ހަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތުކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުންނާ އަދުލުއިންސާފު އަރައި ހަމަކުރާނެ ކަމަށެވެ.

"މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ރައީސް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒް އަހްމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހްމީން އަހްމަދެވެ.