ބޭސް ފިހާރަތަކުން ލިބެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އަސާސީ ބޭހުގެ މަދުވެގެން 80 ޕަސެންޓު އެ ފިހާރައަކުން ލިބެން ޖެހޭނެ ކަމަށް ކަނޑައަޅައި ބޭސް ހަމަކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން އަސާސީ ބޭސް މެދުނުކެނޑި ފޯރުކޮށްދިނުން ކަށަވަރުކުރުމުގެ ޒިންމާ އުފުލާ އެމްއެފްޑީއޭއިން ވަނީ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އާންމުކުރުމާއެކު، ބޭސްފިހާރަތައް ގިންތިކުރުމުގެ އާ ގައިޑްލައިނެއް އެކުލަވާލާފަ އެވެ.
މި އުސޫލުގެ ދަށުން ފާމަސީތައް ދެ ގިންތިއަކަށް ބަހާލާފައި ވާއިރު، ހޮސްޕިޓަލްތަކުން ބޭރުގައި ހުންނަ އާންމު ފާމަސީތައް ހިމެނޭ ފުރަތަމަ ގިންތީގެ ފިހާރަތަކުން 185 ބޭހެއް ލިބެން ހުންނަންޖެހެ އެވެ. އޭގެ ތެރޭގައި ކުއްލި ބަލިމަޑުކަމާއި، ދިގު މުއްދަތަކަށް ދޭ ފަރުވާތަކުގެ އިތުރުން ރައްކާތެރިކަމުގެ ގޮތުން ދެވޭ އަސާސީ ބޭސްތައް ހިމެނެ އެވެ. އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ތެރޭގައި ހުންނަ ދެވަނަ ގިންތީގެ ފާމަސީތަކުން، ސްޕެޝަލިސްޓް ކެއާ އާއި ކްރިޓިކަލް ކެއާ ހިމެނޭހެން ޖުމްލަ 381 ބޭހެއް ލިބެން ހުންނަންޖެހޭނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ކަނޑައަޅައިފަ އެވެ.
މި ބަދަލާއެކު މިހާރު ހިންގަމުންދާ ފާމަސީތަކުން ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ ގިންތީގެ ބޭސްތައް ހަމަކުރަން ޖެހޭއިރު، އަލަށް ރަޖިސްޓްރީކުރާ ތަންތަނަށް ހުއްދަ ދޫކުރާނީ އެ ބޭސްތައް ފުރިހަމައަށް ހުރުމުންނެވެ. މީގެ އިތުރުން ފާމަސީތަކުން ފާއިތުވި ތިން މަހުގެ މައުލޫމާތަށް ބަލައި އަސާސީ ބޭހުގެ އެއް މަސްދުވަހުގެ ސްޓޮކް ސީދާ ބަހައްޓަންޖެހޭނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެ އެވެ.
ހަމައެއާއެކު މި އުސޫލާ ހިލާފުވާ ފާމަސީތަކުގެ އޮޕަރޭޓިން ލައިސެންސް 14 ދުވަހަށް ސަސްޕެންޑުކުރެވޭނެ އެވެ. އަދި ބޭސް ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ ކުންފުންޏެއް އުފައްދާފައިވީ ނަމަވެސް، އަދިވެސް އެ މައްސަލައަށް މުޅިން ހައްލެއް ލިބިފައެއް ނުވެ އެވެ.
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
ކުދިކުދި ކަންކަމަށް އިހުމާލު ވުމަކީ ނުރައްކާ ކަމެއް!
އެމެރިކާއާއި ސައުދީ އިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި