މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ ކަމަށް ރެކޯޑުތަކުން ދައްކައިފި އެވެ.
ޕަލަސްޓީނިއަން މެޑިކަލް ރިލީފް ސޮސައިޓީގެ ޑިރެކްޓަރު ޑރ. ބައްސާމް ޒަގޫތު ހާމަކުރެއްވި ގޮތުގައި، އިސްރާއީލުގެ އުދުވާނުގައި ގައްޒާގެ ސިއްހީ ނިޒާމު އެކީ މުޅިން ފުނޑުފުނޑުވުމުގެ ސަބަބުން، މާބަނޑު އަންހެނުންނަށް ލިބެންޖެހޭ އަސާސީ ފަރުވާތައް ވަނީ އެކޮޅުކޮޅުން ޖެހިފަ އެވެ. މިއާއެކު ބައިގެންދާ މީހުންގެ އަދަދު ނިސްބަތުން މީގެ ކުރިން ދުވަހަކު ވެސް މަތިނުވާ މިންވަރަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ނުރައްކާތެރި ހާލަތު މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އިސްރާއީލުގެ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި އެއް ތަނުން އަނެއް ތަނަށް ބަދަލުވާންޖެހުމާއި، ސުންނާފަތިވެފައިވާ މަގުތަކުގައި ނުރައްކާތެރި ވަސީލަތްތަކުގައި ދަތުރުކުރަންޖެހުން ހިމެނެއެވެ. މީގެ އިތުރުން އެކަށީގެންވާ ބޯހިޔާވަހިކަމާއި ސާފުތާހިރުވުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި، ތޮއްޖެހިފައިވާ ކޭމްޕުތަކުގައި ބަލިމަޑުކަން ފެތުރުމާއި، އަބަދުވެސް ހަމަލާއެއް އަމާޒުވެދާނެކަމުގެ ބިރުވެރިކަމުގައި އުޅެންޖެހުން ފަދަ ނަފްސާނީ އަދި ޖިސްމާނީ ފިއްތުންތައް ހިމެނޭކަމަށް ޑރ. ޒަޣޫތު ވިދާޅުވިއެވެ.
މި ކަންބޮޑުވުންތަކަށް އިތުރު ބާރެއް ލިބެނީ ސިއްހީ ތަފާސްހިސާބުތަކުން ފެންނަން ހުރި ބިރުވެރި މަންޒަރުންނެވެ. އެގޮތުން މިދިޔަ އޭޕްރިލް މަހު އެކަނިވެސް 921 މީހުން ބައިގެންގޮސްފައިވާއިރު، ޣައްޒާގައި ވިހާ ކޮންމެ 1،000 އަންހެނަކަށް 460 އަންހެނުން ބައިގެންދާކަން ވަނީ ކަށަވަރުވެފައެވެ. މިއީ އާންމު ހާލަތަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. މީގެ އިތުރުން ޣައްޒާގައި އުފަންވާ ކުދިންގެ އަދަދުވެސް ވަނީ މީގެ ކުރިން ނުދެކޭފަދަ ބޮޑު މިންވަރަކަށް ދަށަށް ގޮސްފައެވެ.
އެގޮތުން މީގެ ކުރިން މަހަކު 6،000 އަށްވުރެ ގިނަ ކުދިން އުފަންވި ނަމަވެސް، މި އަހަރުގެ މެއި މަހު އުފަންވެފައިވަނީ އެންމެ 1،701 ކުދިންނެވެ. މިއީ ކުރިއާ އަޅާބަލާއިރު 67 އިންސައްތައިގެ ދަސްވުމެކެވެ. ޣައްޒާގައި އުފަންވާ ކުދިންގެ އަދަދު މަދުވެ، ބައިގެންދާ މީހުންގެ އަދަދު މިހާ އިތުރުވަމުންދަނީ އިސްރާއީލުން ސީދާ އެ ނިޔަތުގައި ބާއްވާ ނަސްލުނައްތާލުމުގެ ސިޔާސަތެއްގެ ދަށުންތޯ ތަހުގީގުކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މިހާރު ދަނީ ގޮވާލަމުންނެވެ.
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ
ސިކުނޑީގެ ސިއްހަތު އަންގައިދޭ މި އާއްމު 5 ބަދަލަށް ސަމާލުވޭ!
އެމެރިކާއިން ހަނގުރާމައަށް 37.5 ބިލިއަން ޑޮލަރު ހަރަދުކޮށްފި