މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެ ފަދަ ޒަމާނީ ބަދަލުތަކަކާ އެކު އާ ހިދުމަތްތަކެއް ރޭ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މި ބަދަލުތަކާއި އިމިގްރޭޝަންގެ ތާރީހު ދައްކައިދޭ މައުރަޒު ހުޅުއްވައިދެއްވީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.
އިމިގްރޭޝަނުން އަލަށް ތައާރަފުކުރި ހިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަން ދަތިވާ ފަރާތްތަކަށް ހާއްސަ އެހީތެރިކަމެއް ދޭން ފެށުމެވެ. އެގޮތުން އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދީ، ފޮޓޯ ނެގުމާއި ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމުތައް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. މީގެ އިތުރުން، ހިދުމަތް ހޯދަން އަންނަ ފަރާތަކަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ދިނުމަށްޓަކައި ހާއްސަ "އިންފޮމޭޝަން ކައުންޓަރެއް" ހުޅުވައި، ހިދުމަތަށް އަންނަ މީހުން މަޑުކޮށްލައިގެން ތިބޭނެ ހިތްގައިމު މާހައުލެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު ވިދާޅުވީ، އިމިގްރޭޝަންގެ އަމާޒަކީ ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނެތި ފަސޭހަކަމާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ އަތޮޅަކުން މިހާރު މި ހިދުމަތް ލިބޭއިރު، ހިދުމަތުގެ ފެންވަރު މެދުނުކެނޑި ރަނގަޅު ކުރަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ރޭ ހުޅުވުނު "އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ" މައުރަޒަކީ 1950 ވަނަ އަހަރުން ފެށިގެން އެ މުއައްސަސާ ދަތުރުކޮށްފައިވާ ތާރީހީ ރާސްތާ ދައްކައިދޭ މައުރަޒެކެވެ. ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މި މައުރަޒުގައި، އިމިގްރޭޝަން ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަނދާންތަކާއި، ކުރީގެ ފޮޓޯތަކުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ހިދުމަތް ފުޅާވެފައިވާ މިންވަރު އަންގައިދޭ ޗާޓުތައް ވަނީ ހިމަނާފަ އެވެ.
ރަތްކަނޑުގެ ހަމަލާތަކާ ގުޅިގެން އީރާނަށް އަދަބު ދޭނެކަމަށް ބުނެފި
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
"ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރަކު ވަނީ ފެއިލް"