ޓޫރިޒަމް ދާއިރާއިން ރާއްޖެއަށް ކުރިއެރުމެއް ވިއްޔާ ލިބިފައި އޮތީ ޕްރައިވެޓް ސެކްޓާއިން ކޮށްފައިވާ މަސައްކަތުން ކަމަށާއި ނަމަވެސް ސަރުކާރުން ޓޫރިޒަމަށް ވަންނަ ކޮންމެ ފަހަރެއްގައި ބޮޑެތި ގެެއްލުންވެ، ފެއިލްވާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ފޭދުއާއި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހެލި، އެންޓަޓެއިންމަންޓް އެންޑް ރެކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލާފައި ވަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށް އައްޑޫގެ އިހްތިސާސުން ކުއްލި ގޮތަކަށް ވަކިކުރެއްވުމާ ގުޅިގެންނެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ފޭދޫ ޓޫރިޒަމް ޒޯންގައި އެތައް ސަތޭކަ އެނދެއް ތައްޔާރުވަމުންދާއިރު ސަވާހެލި ތަރައްގީވުމަކީ އައްޑޫގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މައި ސަރުކާރުން ކަންކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، މަރުކަޒީ ބާރުތައް ދޫކޮށް ކައުންސިލްތަކަށް ފުރުސަތު ދިނުމުން ނޫނީ އަތޮޅުތަކުގެ އިގުތިސޯދީ ފައިދާއާއި ޑޮލަރުގެ އާމްދަނީ އިތުރުނުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒުއަށް ލިބިދޭ ބާރުގެ ދަށުން ސަވާހެލި އައްޑޫގެ އިހްތިސާސުން ވަކިކުރީ ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މި ނިންމުމާ ގުޅިގެން އައްޑޫގެ އާންމުންގެ ކަންބޮޑުވުން ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން ވެސް ވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކަށް އަރައިގަނެ، މަޝްވަރާކުރުމެއް ނެތް ގޮތަށް ރައްޔިތުންގެ ބިންތައް އަތުލައި ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އެންޖެލީނާގެ ދަރިންގެ ނަމުން ބައްޕަގެ ނަން އުނިކުރާ ސަބަބު!
ސަރުކާރުގެ 7 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
އެމްޓީޑީސީގެ އެމްޑީގެ މަގާމުން ނިޔާޒު ވަކިކޮށްފި